ވެރިކަން ކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ މަތީ މަޖިލީހުގެ 49 މަޤާމަކަށް ކުރިމަތިލުމުގެ ފުރުސަތު އެ ޕާޓީން ރޭ ހުޅުވާލައިފިއެވެ.
ޕާޓީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މި މަޢުލޫމާތު ހިއްސާ ކުރައްވަމުން ޕާޓީގެ އިސް ތަރުޖަމާނު މުޙައްމަދު ފިރުޒުލް ޢަބްދުﷲ ޚަލީލް ވިދާޅުވީ، ޕާޓީގެ އަސާސީ ގަވާއިދުގެ ދަށުން ބާއްވަންޖެހޭ ކޮންގްރެސްގައި މުހިއްމު މަޤާމުތަކަކަށް ބޭފުޅުން އިންތިޚާބު ކުރަން ހަމަޖެހިފައިވާ ކަމަށެވެ. އޭގެ ތެރޭގައި ޕާޓީގެ 6 ނައިބު ރައީސުންނާއި، މެންބަރުންގެ މަޖިލީހުގެ 18 މެންބަރުންގެ އިތުރުން، އެ މަޖިލީހަށް ޚާއްޞަކުރެވޭ 7 ޒުވާން މެންބަރުންނާއި 10 އަންހެން މެންބަރުން ހިމެނެއެވެ. މީގެއިތުރުން އަންހެނުންގެ ހަރަކާތާއި ޒުވާނުންގެ ހަރަކާތުގެ ރައީސް، ނައިބު ރައީސް، ސެކްރެޓަރީ އަދި ޚަޒާންދާރުގެ މަޤާމުތަކަށްވެސް ފުރުޞަތު ހުޅުވާލާފައި ވެއެވެ.
ފިރުޒުލް ވިދާޅުވި ގޮތުގައި، ކުރިމަތިލައްވާ ކޮންމެ ބޭފުޅަކުވެސް އައިޑީކާޑުގެ މަޢުލޫމާތާއި، ފޮޓޯ، ފުލުހުންގެ ރެކޯޑު އަދި ޝަރުޢީ ކޯޓުތަކުން ސާފުކޮށްފައިވާ ކުށުގެ ރެކޯޑު ހުށަހަޅަން ޖެހޭނެއެވެ. އަދި ކުށުގެ ރެކޯޑަކީ ވޭތުވެދިޔަ އެއް މަސް ދުވަހުގެ ތެރޭގައި ސާފުކޮށްފައިވާ ރެކޯޑަކަށް ވާން ޖެހޭނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ކޮންގްރެސްގައި ބައިވެރިވުމަށް ރަޖިސްޓްރީވުމުގެ ފުރުޞަތު ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ހުޅުވާލައި، ޕާޓީގެ ފަރާތުން ޚާއްޞަ ކޯލް ސެންޓަރެއް ޤާއިމުކުރާނެ ކަމަށްވެސް ފިރުޒުލް ހާމަކުރެއްވިއެވެ.
ކޮމެންޓު ފޮނުވާ