ރާއްޖޭގެ ކަނޑުން ތެލާއި ގޭސް ނެގުމަށް ޚާއްޞަ ޤާނޫނެއް ފަރުމާކުރަނީ

ރާއްޖޭގެ ކަނޑުން ތެލާއި ގޭސް ނެގުމަށް ޚާއްޞަ ޤާނޫނެއް ފަރުމާކުރަނީ

Author
އަހުމަދު
31 އޮގަސްޓް 2026 08:24
0

ރާއްޖޭގެ ކަނޑުގެ ސަރަޙައްދުގައި ހުރި ތެލާއި ގޭހާއި މައުދަން ފަދަ ދިރުންނެތް ޤުދުރަތީ ވަސީލަތްތައް ހޯދައި ނެގުމަށް ޚާއްޞަ ޤާނޫނީ އޮނިގަނޑެއް އެކުލަވާލުމަށް ވަޒީރުންގެ މަޖިލީހުން ނިންމައިފި އެވެ.

ރައީސް އޮފީހުން ބުނިގޮތުގައި، އިއްޔެ ބޭއްވި ކެބިނެޓް ބައްދަލުވުމުގައި މި ހުށަހެޅުން ހުށަހެޅުއްވީ ފިޝަރީޒް، އެގްރިކަލްޗާ އެންޑް އޯޝަން ރިސޯސަސް މިނިސްޓަރު އަޙްމަދު ޝިޔާމް އެވެ. އެ ނިންމުމާއެކު ރާއްޖޭގެ ކަނޑުގެ ސަރަޙައްދުގައިވާ އިޤްތިޞާދީ މުއްސަނދިކަން ދެނެގަނެ، އޭގެ ފައިދާ ޤައުމަށް ހޯދައިދިނުމަށް ބޭނުންވާ ޤާނޫނީ އަދި އިދާރީ އަމަލީ މަސައްކަތްތައް ރަސްމީކޮށް ފަށާފައިވާ ކަމަށް ވެސް ވަނީ ބުނެފަ އެވެ.

ފަރުމާކުރެވޭ ޚާއްޞަ ބިލުގައި ކަނޑުގެ ސަރަޙައްދުން ދިރުންނެތް ވަސީލަތްތައް ނެގުމަށް ހުއްދަ ދިނުމުގެ އުޞޫލުތަކާއި، ނަގާ ވަސީލަތްތަކުގެ މިލްކުވެރިކަން ކަނޑައެޅުމުގެ ބައިތަކުގެ އިތުރުން، މުޅި ސިނާޢަތު ހަރުދަނާކޮށް ރާވައި ހިންގުމުގެ ކަންކަން ހިމެނޭނެ ކަމަށް ރައީސް އޮފީހުން ބުނެ އެވެ.

ރާއްޖޭގެ ސަރަޙައްދުން ތެޔޮ ހޯދުމުގެ މަސައްކަތް ކުރީގެ ރައީސް ޢަބްދުﷲ ޔާމީންގެ ވެރިކަމުގައި ވެސް ބޭރުގެ ކުންފުންޏަކާ ހަވާލުކޮށްގެން ވަނީ ކުރެވިފަ އެވެ. އަދި 2014 ގައި ޖަރުމަނުގެ ޔުނިވާސިޓީ އޮފް ހެމްބާގުގެ ސައިންސްވެރިން ކުރި ދިރާސާއަކުން ރާއްޖޭގެ ބިމުގެ އަޑިން "ފުލުއިޑެއް ނުވަތަ ގޭސް" އަރާ ކަމުގެ ހެކިތައް ފެނިފައިވާ ކަމަށް އޭރުގެ ފިޝަރީޒް މިނިސްޓަރު މުޙައްމަދު ޝައިނީ ވަނީ ވިދާޅުވެފަ އެވެ. ނަމަވެސް ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އާދަޔާ ޚިލާފަށް ވެއްޓުމާ ގުޅިގެން އެ މަސައްކަތް ކުރިއަށް ނުގެންދެވުނު ކަމަށް ވެސް ޝައިނީ ވިދާޅުވެފައިވެ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.