ރާއްޖޭގައި ކުރެވޭ ހުރިހާ މުއާމަލާތެއް ދިވެހި ރުފިޔާއިން ކުރެވޭ ގޮތަށް މުޅި ނިޒާމު ބަދަލުކޮށް ނިންމުމަށް ގާތްގަނޑަކަށް 10 އަހަރު ދުވަސް ހޭދަވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
މުހިންމު ބިލުތަކެއް ތަސްދީގުކުރެއްވުމަށްފަހު މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެމަނިކުފާނު ވިދާޅުވީ، ދިވެހި ރުފިޔާއިން ހުރިހާ މުއާމަލާތެއް ކުރެވޭ ދިމާލަށް ދިޔުމަކީ ސަރުކާރުގެ ވިސްނުމުގައި އަބަދުވެސް އޮތް ކަމެއް ކަމަށާއި، ކަމާބެހޭ މުއައްސަސާތައް ގުޅިގެން އެ އަމާޒަށް ވާސިލުވުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ.
ނަމަވެސް މިއީ އެއް ދުވަހުން ނުވަތަ ދެ ދުވަހުން ނިންމާލެވޭނެ ކަމެއް ނޫން ކަމަށާއި، ރާއްޖޭގެ އިންވެސްޓްމަންޓްތަކާއި، ނަގާފައިވާ ލޯނުތަކާއި، އެހެނިހެން މާލީ ކަންކަމަށް ވަރަށް ބޮޑަށް ބަލަންޖެހޭ ކަމަށް ރައީސް ވިދާޅުވިއެވެ. މި އަމާޒަށް އެއްކޮށް ވާސިލުވެވޭނީ 2035 ވަނަ އަހަރާ ހަމައަށް ދާއިރު ކަމަށް އަންދާޒާ ކުރެވޭ ކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން ރައީސް ވިދާޅުވީ، މިހާރު ރާއްޖޭގައި ބޭރު ފައިސާ، ޚާއްޞަކޮށް ޑޮލަރުގެ މުއާމަލާތްތައް ވަރަށް ބޮޑަށް ކުރެވެމުންދާ ކަމަށާއި، މި ހަގީގަތަށް ރިޢާޔަތްކޮށް، ފިޔަވަޅަކަށްފަހު ފިޔަވަޅެއް އަޅައި، ތަފްޞީލީ އުޞޫލުތަކެއްގެ ދަށުން މި މަސައްކަތް ކުރިއަށްގެންދާ ކަމަށެވެ.
ކޮމެންޓު ފޮނުވާ