ރާއްޖޭގައި ޑެސްޓިނޭޝަން ޕްރިންސިޕަލް ތަންފީޒުކޮށް، ބޭރުގެ ބުކިން ޕްލެޓްފޯމުތަކާއި ޓްރެވަލް އެޖެންޓުން އަދި ޓުއާ އޮޕަރޭޓަރުން ފޯރުކޮށްދޭ ހިދުމަތުން އަންނަ އޮކްޓޯބަރު މަހުން ފެށިގެން ޖީއެސްޓީ ނަގާ ގޮތަށް ގާނޫނަށް ގެނައި އިސްލާހު ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ތަސްދީގުކުރައްވައިފި އެވެ.
މި އިސްލާހުގެ ދަށުން، ރާއްޖޭގައި ވިޔަފާރީގެ ދާއިމީ މަރުކަޒެއް ނެތް ފަރާތްތަކުން ފޯރުކޮށްދޭ ހުރުމާއި ކެއުމާއި ދަތުރުފަތުރު އަދި އެނޫންވެސް ފަތުރުވެރިކަމާ ގުޅުންހުރި ހަރަކާތްތަކުގެ ހިދުމަތްތަކުން ޖީއެސްޓީ ނެގޭނެ އެވެ. މި ޓެކްސް ނަގާނީ މިހާރުވެސް ޓޫރިޒަމް ދާއިރާއިން ޓެކްސް ނަގާ ރޭޓް ކަމުގައިވާ 17 އިންސައްތައިގެ ރޭޓުންނެވެ. އަދި މި އިސްލާހާ ގުޅިގެން ގަވާއިދުތަކަށް ގެންނަންޖެހޭ ބަދަލުތައް، ގާނޫނަށް އަމަލުކުރަން ފަށާތާ 30 ދުވަހުގެ ތެރޭގައި ގެޒެޓުކުރަން ޖެހެ އެވެ.
ގާނޫނަށް މި އިސްލާހު ގެނައުމާ އެކު، ރާއްޖޭގެ ފަތުރުވެރިކަން ވިއްކާ ބޭރުގެ ޓްރެވަލް އެޖެންޓުންނާއި ޓުއާ އޮޕަރޭޓަރުން ވަނީ މި ނިޒާމު ހަމަހަމަކަމާ އެކު ތަންފީޒުކުރުމަށް ގޮވާލައި އޮންލައިން ޕެޓިޝަނެއްގައި ސޮއިކުރަން ފަށައިފަ އެވެ. އަދި މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އެޖެންޓްސް އެންޑް ޓުއާ އޮޕަރޭޓާޒް (މަޓާޓޯ) އިން ވެސް ވަނީ މި އިސްލާހާ މެދު ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
ކޮމެންޓު ފޮނުވާ