މަސްވެރިކަމުގެ ސިނާއަތް ކޮޅަށްޖެހުމުގެ މަސައްކަތް އައު ހަރުފަތަކަށް ގެންދާނަން: ރައީސް

މަސްވެރިކަމުގެ ސިނާއަތް ކޮޅަށްޖެހުމުގެ މަސައްކަތް އައު ހަރުފަތަކަށް ގެންދާނަން: ރައީސް

Author
އަހުމަދު
31 އޮގަސްޓް 2026 08:26
0

މަސްވެރިކަމުގެ ޤާނޫނަށް އަލަށް ގެނައި އިސްލާހުތަކާއެކު، ވެއްޓިފައި އޮތް މަސްވެރިކަމުގެ ސިނާއަތް ކޮޅަށްޖަހައި، މަސްވެރިންނަށް ހައްޤު މިންވަރު ހޯދައިދިނުމުގެ މަސައްކަތް އިތުރު ހަރުފަތަކަށް ގެންދަވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް މިހެން ވިދާޅުވީ، މަސްވެރިކަމުގެ ޤާނޫނަށާއި ފަޅުތަކާއި ފަޅުރަށްތައް ކުއްޔަށް ދިނުމާ ގުޅޭ ޤާނޫނަށް ގެނައި އިސްލާހުތައް މިއަދު ތަޞްދީޤުކުރެއްވުމަށްފަހު، ރައީސް އޮފީހުގައި ނޫސްވެރިންނާ ބައްދަލުކުރައްވަމުންނެވެ. އެ މަނިކުފާނު ވިދާޅުވީ މި ޤާނޫނުތަކުގެ ސަބަބުން ރާއްޖޭގެ އިޤްތިޞާދަށް ބޮޑެތި ފައިދާތަކެއް ކުރާނެ ކަމަށާއި، އިޤްތިޞާދީ އައު ދޮރުތަކެއް ހުޅުވިގެންދާނެ ކަމަށެވެ.

ޚާއްޞަކޮށް ސްޕޯޓްސް ފިޝިންގެ ދާއިރާއަށް ބޮޑެތި ފުރުޞަތުތަކެއް ފަހިވެގެންދާނެކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، މިއީ ރާއްޖޭގައި މިހާރު އެންމެ ހަލުވިކޮށް ފުޅާވަމުން އަންނަ އެއް ދާއިރާ ކަމަށާއި، މި ދާއިރާއަށް ޚާއްޞަ ބަނދަރުތައް ޤާއިމުކުރުމަށާއި ބޮއި އެޅުމަށް ރައްޔިތުންގެ ފަރާތުން ގިނަ އެދުންތަކެއް ލިބެމުން އަންނަ ކަމަށެވެ.

އެ މަނިކުފާނު ވިދާޅުވި ގޮތުގައި، ވެރިކަމާ ޙަވާލުވެވަޑައިގެންނެވި އިރު ރާއްޖޭގެ މަސްވެރިކަން އޮތީ އަނދަވަޅެއްގައި ނަމަވެސް، މި އިސްލާހުތަކާއެކު އެ ސިނާއަތް ކޮޅަށްޖެހުމުގެ މަގު ކޮށޭނެ އެވެ. މީގެ ދަށުން ޒަމާނީ ފެންވަރުގެ ބަނދަރުތައް ތަރައްޤީކުރުމަށާއި، މަސް ކިރުމާއި ޕްރޮސެސްކުރުމުގެ ޚިދުމަތާއި، މަސްވެރިކަމަށް ބޭނުންވާ ސާމާނު ވިއްކުމުގެ ޚިދުމަތްތައް ދޭ ފެސިލިޓީތައް ޤާއިމުކުރެވިގެންދާނެ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.