ހަންކެޑެ ތަރައްގީކުރާ ކުންފުނީގެ އެމްޑީއަކަށް ބީއެމްއެލްގެ ޒަމްރާ

ހަންކެޑެ ތަރައްގީކުރާ ކުންފުނީގެ އެމްޑީއަކަށް ބީއެމްއެލްގެ ޒަމްރާ

Author
އަހުމަދު
30 އޮގަސްޓް 2026 07:39
0

އައްޑޫ ހަންކެޑެ ތަރައްގީކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އުފެއްދެވި "އައްޑޫ ހަންކެޑެ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް" ގެ މެނޭޖިން ޑިރެކްޓަރުކަމަށް، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ޗީފް ކޮމާޝަލް އޮފިސަރު އައިޝަތު ޒަމްރާ ޒާހިރު އައްޔަންކުރައްވައިފިއެވެ.

މިދިޔަ ޖުލައި މަހުގެ 16 ވަނަ ދުވަހު ރައީސް މުޢިއްޒު އުފެއްދެވި މި ކުންފުނީގެ އެމްޑީ އާއި ބޯޑު މެންބަރުން އައްޔަންކުރައްވާފައި ވަނީ މި މަހުގެ 27 ވަނަ ދުވަހުއެވެ. ބޯޑަށް އައްޔަންކުރެއްވި 5 މެންބަރުންގެ ތެރެއިން ތިން މެންބަރުންނަކީ ބީއެމްއެލްގެ އިސް މަގާމުތަކުގައި ތިއްބެވި ބޭފުޅުންނެވެ. ދެން ތިއްބެވި ދެ މެންބަރުންނަކީ ފިނޭންސް މިނިސްޓްރީގެ މުވައްޒަފުންނެވެ.

ބޯޑަށް އައްޔަންކުރެއްވި މެންބަރުންގެ ތެރޭގައި ބީއެމްއެލްގެ ޑެޕިއުޓީ ޗީފް އޮޕަރޭޓިން އޮފިސަރު ސަހާރު ވަޙީދު، ބީއެމްއެލްގެ ކޯޕަރޭޓް ބޭންކިން ޑިރެކްޓަރު އަމާން އަލީ، ފިނޭންސް މިނިސްޓްރީގެ އިކޮނޮމިކް އެންޑް ފިސްކަލް ޕޮލިސީ އެނަލިސްޓް ޢަބްދުﷲ އަތީގު މުޙައްމަދު، އަދި ފިނޭންސް މިނިސްޓްރީގެ ޑެޓް ފައިނޭންސިން ކޮންސަލްޓަންޓް ޙަދީޖާ މިލްޙާ ހިމެނިވަޑައިގަންނަވައެވެ.

ރައީސް އޮފީހުން ބުނާ ގޮތުގައި، މި ކުންފުނި އުފެއްދެވުމުގެ މައިގަނޑު މަޤްޞަދަކީ އިންޓެގްރޭޓެޑް ޓޫރިޒަމް ޑިވެލޮޕްމަންޓް މޮޑެލަކަށް އައްޑޫއަތޮޅު ހަންކެޑެ ތަރައްޤީކުރުމެވެ. މީގެއިތުރުން، އައްޑޫ އަތޮޅުގައި ފަތުރުވެރިކަމުގެ ސިނާޢަތު އިތުރަށް ފުޅާކުރުމާއެކު، އެ ސިނާޢަތުން ލިބޭ މަންފާ މުޅި އައްޑޫ އަތޮޅަށް ހަމަހަމަކަމާއެކު ފޯރުކޮށްދިނުމަކީވެސް މި މަޝްރޫޢުގެ މުހިއްމު ލަނޑުދަނޑިތަކެއް ކަމަށް ރައީސް އޮފީހުން ބުނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.