ޑޮލަރުން އާމްދަނީ ލިބޭ ފަރާތްތަކުން އެ ފައިސާ ހޭދަކުރާ ގޮތް ބެލެހެއްޓުމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ނިންމައިފިއެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެމްއެމްއޭގެ ގަވަރުނަރު އަހުމަދު މުނައްވަރު ވިދާޅުވީ، ޑޮލަރު ލިބޭ މިންވަރު އިތުރުކުރުމުގެ ގޮތުން މައިގަނޑު ތިން ފިޔަވަޅެއް އަޅަން ނިންމާފައިވާ ކަމަށެވެ. އެގޮތުން ރިސޯޓުތަކުން އެމްއެމްއޭއަށް މާރުކުރަން ޖެހޭ ޑޮލަރުގެ ނިސްބަތް 20 ޕަސަންޓުން 40 ޕަސަންޓަށް އިތުރުކުރުމާއި، މާރުކުރަން ޖެހޭ މުއްދަތު ތިން ދުވަހުން އެއް ދުވަހަށް ކުޑަކުރުމުގެ އިތުރުން، ޑޮލަރުން އާމްދަނީ ލިބޭ ފަރާތްތަކުން އެ ފައިސާ ހޭދަކުރާ ގޮތް މޮނިޓާ ކުރުން ހިމެނޭ ކަމަށް ވިދާޅުވިއެވެ. މީގެ ތެރެއިން ބައެއް ބަދަލުތައް ގެންނާނީ ބޭރު ފައިސާއާ ބެހޭ ގާނޫނަށް އިސްލާހު ހުށަހަޅައިގެންނެވެ.
ގަވަރުނަރު ފާހަގަކުރެއްވި ގޮތުގައި، ޑޮލަރުން އާމްދަނީ ލިބޭ ބައެއް ފަރާތްތަކުން އެ ޑޮލަރު ބްލެކްމާކެޓުގައި މާރުކުރަމުންދާތީ، އެ އާމްދަނީ ހޭދަކުރެވެނީ ކޮންކަމަކަށްކަން ދެނެގަތުމަކީ މުހިއްމު ކަމެކެވެ. ހޯމްލޭންޑް މިނިސްޓަރު އަލީ އިހްސާން ވިދާޅުވީ، ބްލެކްމާކެޓުގައި ބޮޑެތި އަދަދުތަކުން ޑޮލަރު މާރުކުރަނީ ބޮޑެތި ރިސޯޓުތަކާއި، ބައެއް ސިޔާސީ ފަރާތްތަކާއި، ކޮންސްޓްރަކްޝަން އިންޑަސްޓްރީގެ ފަރާތްތަކުން ކަމަށާއި، އެ އަދަދު އެތައް މިލިއަން ޑޮލަރަކަށް އަރާ ކަމަށެވެ.
ކޮމެންޓު ފޮނުވާ