ރާއްޖޭގެ ފުރަތަމަ އިންފޮމޭޝަން ކޮމިޝަނަރު، ކުރީގެ މަޖިލިސް މެންބަރު އަބްދުލްއަޒީޒް ޖަމާލް އަބޫބަކުރު (އަޒީ) އަލުން އެ މަގާމަށް އައްޔަން ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން މިއަދު ފާސްކޮށްފިއެވެ. ކޮމިޓީގައި ބައިވެރިވި ފަސް މެންބަރުންގެ ވޯޓުން އޭނާގެ ނަން މަޖިލީހުގެ ތަޅުމަށް ފޮނުވުމަށް ފާސްކުރި އިރު، އިންޓަވިއު މަރުހަލާގައި އަޒީއަށް ލިބިވަޑައިގަތީ 75 އިންސައްތައަށްވުރެ މަތީ މާކްސް އެކެވެ. މި ނިންމުމާ ދެކޮޅަށް ވޯޓު ދެއްވީ ހަމައެކަނި ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމް އެވެ. މީކާއިލްގެ ކަންބޮޑުވުމަކީ، މަގާމަށް ކުރިމަތިލީ ފަރާތްތަކާ ގުޅޭ ޝަކުވާ ހުށަހެޅުމަށް އާންމުންނަށް ދިނީ އެންމެ ހަ ގަޑިއިރު ކަމަށްވުމެވެ.
ސިޔާސީ މަގާމުތަކުގައި ތިއްބެވި ބޭފުޅުންނަށް އިންފޮމޭޝަން ކޮމިޝަނަރު ކަން ނުކުރެވޭ ގޮތަށް ޤާނޫނުގައި ބަޔާންކޮށްފައި އޮތުމާއެކު، މި ސަރުކާރުގެ އިސްލާމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަން ކުރެއްވި އަޒީ އެ މަގާމަށް އައު ދައުރަކަށް އައްޔަން ކުރެއްވިދާނެތޯ، ޤާނޫނީ ބޭފުޅުން ދަނީ ސުވާލު އުފައްދަވަމުންނެވެ. މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ޤާނޫނުގައި ބަޔާންކޮށްފައި އޮންނަނީ ހަމައެކަނި މިހާރު އަދާކުރަމުންދާ ދައުރު އިތުރުކުރެވޭ ގޮތަށް ކަމަށް އެ ބޭފުޅުން ފާހަގަކުރައްވައެވެ. މި މަސައްކަތް ކުރިއަށްދަނީ މިހާރުގެ ކޮމިޝަނަރު އަހުމަދު އާހިދު ރަޝީދާ މެދު ސަރުކާރުގެ ހިތްހަމަނުޖެހުން ބޮޑުވެފައިވާ ދަނޑިވަޅެއްގައެވެ. އާހިދަކީ އިދިކޮޅު ފަރާތްތަކަށް ތާއީދު ކުރައްވާ ބޭފުޅެއް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ތުހުމަތު ކުރައްވާފައި ވީނަމަވެސް، އާހިދު ވިދާޅުވެފައި ވަނީ އޭނާ މަސައްކަތް ކުރައްވަނީ ޤާނޫނާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށެވެ. އިންފޮމޭޝަން ކޮމިޝަނަރުގެ ދައުރަކީ ފަސް އަހަރެވެ.
ކޮމެންޓު ފޮނުވާ