ގެސްޓްހައުސްތަކުގެ ދެބައިކުޅަ އެއްބައި ޑޮލަރު މާރެއް ނުކުރޭ: އެމްއެމްއޭ

ގެސްޓްހައުސްތަކުގެ ދެބައިކުޅަ އެއްބައި ޑޮލަރު މާރެއް ނުކުރޭ: އެމްއެމްއޭ

Author
އަހުމަދު
23 އޮގަސްޓް 2026 07:53
0

ގާނޫނުގައި ބުނާ ގޮތުގެ މަތިން ބޭންކުތަކަށް ޑޮލަރު މާރުކުރާ ގެސްޓްހައުސްތަކުގެ އަދަދު މަދުކަން މަރުކަޒީ ބޭންކް، އެމްއެމްއޭން މިއަދު އާންމުކުރި ކޮމްޕްލަޔަންސް ރިޕޯޓުން ހާމަވެއްޖެ އެވެ.

ސިޓީ ހޮޓާތަކާއި ގެސްޓްހައުސް، ސަފާރީ ބޯޓު އަދި ހޯމްސްޓޭތައް ހިމެނޭ ކެޓަގަރީ ބީގައި ޑޮލަރު މާރުކުރަން ރަޖިސްޓްރީކޮށްފައިވާ 625 ތަނުގެ ތެރެއިން ބަރާބަރަށް ޑޮލަރު މާރުކުރަނީ އެންމެ 48 ޕަސެންޓް ތަނުން ކަމަށް އެ ރިޕޯޓުގައި ވެ އެވެ. އެއްވެސް ވަރަކަށް ޑޮލަރު މާރުނުކުރާ 38 ޕަސެންޓް ތަން އަދި އެކަށީގެންވާ ގޮތުގައި ކަން ނުކުރާ 15 ޕަސެންޓް ތަން އެބަހުއްޓެވެ. މީގެ އިތުރުން، ޑޮލަރު މާރުކުރަން ފެށިއިރު އެ ކެޓަގަރީގެ 72 ޕަސެންޓް ވިޔަފާރިން ސޭލްސް ރިޕޯޓް ހުށަހެޅި ނަމަވެސް، ޖޫން ނިމުނުއިރު އެ އަދަދު ވަނީ 41 ޕަސެންޓަށް ދަށްވެފަ އެވެ.

ހަމައެއާއެކު، އަހަރެއްގެ މައްޗަށް 15 މިލިއަން ޑޮލަރަށް ވުރެ ބޮޑު އާމްދަނީ ލިބޭ ޓޫރިޒަމް ނޫން ވިޔަފާރިތަކުގެ ތެރެއިން 29 ޕަސެންޓް ތަނަކުން އެއްވެސް ވަރަކަށް ޑޮލަރު މާރުކޮށްފައި ނުވާ ކަމަށާއި 38 ޕަސެންޓް ތަނަކުން އެ ކަން ރަނގަޅަށް ކުރިއަށް ގެންދިއުމުގައި ފެއިލްވެފައިވާ ކަމަށް ރިޕޯޓުގައި ބުނެފައިވެ އެވެ. މި ވިޔަފާރިތަކުގެ ތެރެއިން ބައެއް ފަރާތްތަކުން ލުއި ހޯދަން އެދިފައިވާތީ، މާރުކުރަން ޖެހޭ އާމްދަނީގެ މިންވަރު 25 މިލިއަން ޑޮލަރަށް މަތިކުރުމަށް ގާނޫނު އިސްލާހުކުރަން މިހާރު ވަނީ މަޖިލީހަށް ހުށަހަޅައިފަ އެވެ.

"މި ތަންތަނަކީ ޖުމްލަ ގޮތެއްގައި މެދު ފަންތީގެ ވިޔަފާރިތަކަށް ވުމާ އެކު، މި ފަރާތްތަކަށް ގާނޫނުގެ ތެރެއިން އިތުރު ފުރުސަތުދީ ކޮމްޕްލަޔަންސް ރަނގަޅުކުރުމަށްޓަކައި ހޭލުންތެރިކުރުމުގެ މަސައްކަތް ކުރިއަށް ދޭ،" އެމްއެމްއޭގެ ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.