ޑޮލަރުގެ އަގު ރިޕޯޓު ކުރުން ކުށަކަށް ހެދުމަކީ ނުރައްކާތެރި ފެށުމެއް: އެމްޖޭއޭ

ޑޮލަރުގެ އަގު ރިޕޯޓު ކުރުން ކުށަކަށް ހެދުމަކީ ނުރައްކާތެރި ފެށުމެއް: އެމްޖޭއޭ

Author
އަހުމަދު
19 އޮގަސްޓް 2026 03:46
0

ކަޅުބާޒާރުގައި ޑޮލަރު ވިއްކާ އަގުތައް ރިޕޯޓު ކުރުމަކީ ކުށެއް ކަމުގައި ކަނޑައަޅައި ބޭރު ފައިސާއާ ބެހޭ ބިލަށް ގެންނަން އުޅޭ އިސްލާހަކީ ނޫސްވެރިކަމުގެ މިނިވަންކަމަށް ހީނަރުކަން ގެންނާނެ ނުރައްކާތެރި ފެށުމެއް ކަމަށް މޯލްޑިވްސް ޖާނަލިސްޓްސް އެސޯސިއޭޝަން (އެމްޖޭއޭ) އިން މިއަދު ބުނެފި އެވެ.

އެ ޖަމިއްޔާގެ ރައީސް އަދި އިގްތިޞާދީ ދާއިރާގެ ނޫސްވެރިޔާ އަޙުމަދު ނާއިފް "ސަން" އަށް ވިދާޅުވީ، މާކެޓް މެނިޕިއުލޭޓް ކުރުން ދުނިޔޭގެ އެހެން ގައުމުތަކުގައި މަނާކޮށްފައި އޮންނަނީ މައިގަނޑު ގޮތެއްގައި ބޮޑެތި ސްޓޮކް އެކްސްޗޭންޖްތަކުގައި ކުންފުނިތަކާ ބެހޭގޮތުން ދޮގު މައުލޫމާތު ފަތުރައި ހިއްސާގެ އަގުތަކަށް ނުފޫޒު ފޯރުވުން ހުއްޓުވުމަށް ކަމަށެވެ. އެހެންކަމުން، މާކެޓުގައި ހިނގާ ހަގީގީ ކަންކަން ހެއްކާއެކު ރިޕޯޓު ކުރުމަކީ އެއްވެސް ހާލެއްގައި މާކެޓް މެނިޕިއުލޭޓް ކުރުމެއް ނޫން ކަމަށް އޭނާ ވިދާޅުވިއެވެ.

ނާއިފް ވިދާޅުވި ގޮތުގައި، އިގްތިޞާދީ މާހިރުންގެ ލަފައާ ހަވާލާދީ ބުނާނަމަ، ޕެރެލަލް މާކެޓުގައި ސްޕެކިއުލޭޝަންގެ ސަބަބުން އަސަރު ކުރަނީ އެންމެ ދެ އިންސައްތަ އާއި ތިން އިންސައްތައާ ދެމެދުގެ މިންވަރަކަށެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި، ބިލަށް ގެންނަން އުޅޭ މާއްދާ އޮތީ މާ ބޮޑަށް ފުޅާކޮށް ކަމުން، ރާއްޖޭގެ މާލީ އަދި އިގްތިޞާދީ ކަންކަން ކަވަރު ކުރުމަށް ނޫސްވެރިންނަށް ބޮޑު ހުރަހަކަށް އެކަން ވެގެންދާނެއެވެ. މީގެ އިތުރުން، މި މާއްދާ ހިމެނިއިރު މީޑިއާތަކާ އެއްވެސް މަޝްވަރާއެއް ކޮށްފައި ނުވާކަން ވެސް އޭނާ ފާހަގަކުރެއްވިއެވެ.

ފުނަދޫ ދާއިރާގެ ޕީއެންސީ މެންބަރު މުޙައްމަދު މަމްދޫޙް ޔޫނުސް ހުށަހެޅުއްވި މި އިސްލާހު ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން މިއަދު ފާސްކުރި އިރު، ރަސްމީ ރޭޓަށް ވުރެ ބޮޑު އަގުގައި ބޭރު ފައިސާ މާރު ކުރާ ރޭޓުތައް އިޝްތިހާރު ކުރުމާއި، ޑިޖިޓަލް ވަސީލަތްތަކުން އެފަދަ މައުލޫމާތު އާންމުކުރުމާއި ފެތުރުމަކީ ކުށެއް ކަމުގައި ބަޔާން ކޮށްފައި ވެއެވެ. މިފަދަ އަމަލެއް ހިންގައިފި ނަމަ 25,000ރ. އާއި 500,000ރ. އާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭ ގޮތަށް ވަނީ ހަމަޖައްސާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.