ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން 450 ގްރާމުގެ ކެނަބިހާއެކު އިންޑިއާގެ ފިރިހެނަކު ކަސްޓަމުން ހިފަހައްޓައިފި އެވެ.
ކަސްޓަމުން ބުނި ގޮތުގައި، މި މީހާ އަތުލައިގަނެފައި ވަނީ މި މަހުގެ 5 ވަނަ ދުވަހު އެވެ. އޭނާގެ ލަގެޖުގައި މަސްތުވާތަކެތި ފޮރުވައިގެން ގެންގުޅޭ ކަމަށް ޝައްކުކުރެވިގެން ލަގެޖު ބަލައި ފާސްކުރި އިރު، ފޮށީގެ ތެރެއިން ފެނުނީ ކެނަބިސް ކަމަށާއި، އޭގެ ބަރުދަން 450 ގްރާމަށް އަރާ ކަމަށް ކަސްޓަމުން ބުނެ އެވެ.
ފާހަގަކުރެވޭ ކަމަކީ ފަހަކަށް އައިސް، ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރަން މަސައްކަތްކުރާ ބިދޭސީންގެ ތެރޭގައި އިންޑިއާ މީހުންގެ އަދަދު އިތުރުވަމުން އަންނަ ކަމެވެ. މި ކަމާ ގުޅިގެން، މިދިޔަ އޭޕްރީލް މަހު އިންޑިއާގެ ނާކޮޓިކްސް ކޮންޓްރޯލް ބިއުރޯ (އެންސީބީ) އިން ވަނީ ކަންބޮޑުވުން ފާޅުކޮށް ޚާއްސަ އެޑްވައިޒަރީއެއް ވެސް ނެރެފަ އެވެ.
އެ އެޑްވައިޒަރީގައި އެންސީބީން ލަފާ ދީފައި ވަނީ، އެއާޕޯޓުތަކާއި ކަނޑު ބަނދަރުތަކާއި ޓްރާންސިޓް ޕޮއިންޓުތަކުގައި، ނުދަންނަ މީހުން ހަވާލުކުރާ އެއްޗެއްސާ ހަވާލު ނުވުމަށާއި، އަމިއްލަ ދަބަހާއި ފޮށިތަކާ މެދު އަބަދުވެސް ސަމާލުވެ ތިބުމަށެވެ.
ކޮމެންޓު ފޮނުވާ