"ފްރެންޑް 4″ ސަޕްލައި ދޯނި އަޑިއަށްދިޔަ ސަރަހައްދުގެ ފުންމިނުގައި ގާތްގަނޑަކަށް 1،645 މީޓަރު ހުންނާނެ ކަމަށް އެމްއެންޑީއެފުން ބުނެފިއެވެ.
ލ. އަތޮޅުން ފުރައިގެން ހުވަދު އަތޮޅަށް ދަތުރުކުރަނިކޮށް އަޑިއަށްދިޔަ މި ދޯނިން ތިން މީހަކު ގެއްލިފައިވަނީ، ދޯނި ސަލާމަތްކުރުމުގެ ގޮތުން ދިޔަ ހިއްކުމުގެ މަސައްކަތުގައި އުޅެނިކޮށެވެ. މި ހާދިސާގައި ގެއްލިފައިވަނީ ޕޮލިސް ސާޖަންޓު ޢަލީ ނާފިޢު (33 އަހަރު) އާއި، އެމްއެންޑީއެފްގެ ސްޓާފް ސާޖަންޓް އިބްރާހީމް އަޙްމަދު (39 އަހަރު)ގެ އިތުރުން ދޯނީގެ ކެޕްޓަން ތ. މަޑިފުށި، ދޮންވެލި، މުޙައްމަދު ޙަމްދޫން (35 އަހަރު) އެވެ.
އެ ތިން މީހުން ހޯދުމަށް އެމްއެންޑީއެފުން ކުރިއަށްގެންދާ އޮޕަރޭޝަނުގައި، މިހާތަނަށް ވައިގެ މަގުން 5،212 އަކަ ނޯޓިކަލް މޭލާއި ކަނޑުމަގުން 1،070.10 އަކަ ނޯޓިކަލް މޭލުގެ ސަރަހައްދެއް ބަލާފައިވާ ކަމަށް އެ އިދާރާއިން ބުނެއެވެ. ނަމަވެސް، މިހާތަނަށް ކުރެވުނު މަސައްކަތުން ގެއްލުނު މީހުންވެސް، އަދި ދޯނިވެސް ފެނިފައި ނުވާ ކަމަށް އެމްއެންޑީއެފުން ބުނެފައިވެއެވެ.
ކޮމެންޓު ފޮނުވާ