ސިޔާސީ އޮއިވަރުގައި ނުޖެހި، ކޮންމެ ރައްޔިތަކުވެސް އަމިއްލަ ސިކުނޑިން ވިސްނައި ކަންކަން ވަޒަން ކުރަން ޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އއ. އުކުޅަހުގައި ޕީއެންސީން ބޭއްވި ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ޒިންމާދާރު އިދިކޮޅު ހަރަކާތެއް ނަމަ ސަރުކާރުން ކުރާ ކަންކަމަށްވުރެ ރަނގަޅު ގޮތްތައް ދައްކައިދޭން ޖެހޭ ކަމަށެވެ. އެހެންނަމަވެސް، މިހާރު ރާއްޖޭގެ އިދިކޮޅު ފަރާތްތަކުގެ ކިބައިން ޒިންމާދާރުކަމެއް ފެންނަން ނެތް ކަމަށާއި، އެ ފަރާތްތަކުން މަސައްކަތް ކުރަނީ ޤައުމުގެ ހަމަޖެހުން ނަގާލުމަށް ކަމަށް އެމަނިކުފާނު ތުހުމަތު ކުރެއްވިއެވެ.
"އަޅުގަނޑުމެން އެބަޖެހޭ މިކަމުގައި އަޅުގަނޑުމެން އެންމެން ލޯ ހުޅުވައިގެން، އަޅުގަނޑުމެންގެ އަމިއްލަ ސިކުނޑިން ވިސްނައިގެން، މި ދެކެވޭ ވާހަކަތަކާއި ކަންކަން އެނެލައިޒް ކުރަން،" ރައީސް ވިދާޅުވިއެވެ.
މާޒީގައި އެކި ސަރުކާރުތަކުން ކަންކަން ކޮށްފައިވާ ގޮތުގެ ރެކޯޑުތައް ފެންނަން އެބަހުރި ކަން ފާހަގަކުރައްވަމުން، ވޭތުވެދިޔަ 10 ނުވަތަ 15 އަހަރުގެ ތެރޭގައި އިޤްތިޞާދީ ގޮތުންނާއި އިޖުތިމާޢީ ގޮތުން ޤައުމަށް ވީގޮތް ރައްޔިތުން ހަނދާން ކުރަން ޖެހޭނެ ކަމަށް ރައީސް ވިދާޅުވިއެވެ. އެ ތަޖުރިބާތަކުން އިބުރަތް ހާސިލުކޮށް، ކުރިއަށް އޮތް ތަނުގައި ރަނގަޅު ނިންމުންތައް ނިންމުމުގައި އެކަންކަން ބޭނުން ކުރަން ޖެހޭ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ޚާއްޞަކޮށް ޒުވާނުންނަށް މުޚާތަބުކުރައްވައި ރައީސް ވިދާޅުވީ، ކުރީގެ ކަންކަން ހިނގާފައިވާ ގޮތް ބަލައި، އަމިއްލަ ސިކުނޑި ބޭނުންކޮށްގެން ވިސްނުމަކީ މުހިންމު ކަމެއް ކަމަށެވެ. އަދި އިސްރަށްވެހިންނާއި ޢުމުރުން ދުވަސްވީ ބޭފުޅުން ޒުވާނުންނަށް މަގު ދައްކައި، މާޒީގައި ހިނގާފައިވާ ކަންކަން ކިޔައިދިނުމަށް އެމަނިކުފާނު އިލްތިމާސް ކުރެއްވިއެވެ. މިއީ ޤައުމުގެ ހަމަޖެހުމާއި ކުރިއެރުމަށްޓަކައި ކޮންމެ ފަރުދަކުވެސް އަދާކުރަން ޖެހޭ ޒިންމާއެއް ކަމަށް ރައީސް ފާހަގަކުރެއްވިއެވެ.
މީގެއިތުރުން، މި ސަރުކާރުން ބަދަލުހިފުމުގެ ރޫޙު ނައްތާލާފައިވާ ކަމަށާއި، ސިޔާސީ އެއްވެސް ލީޑަރަކަށް ހުރަހެއް ނެތް ކަމަށްވެސް ރައީސް ވިދާޅުވިއެވެ. އަދި ހުރިހާ ކަމެއްވެސް ކުރިއަށްދަނީ ޤާނޫނާއި ޤަވާއިދުގެ އިމުގެ ތެރެއިން ކަމުގެ ޔަގީންކަން އެމަނިކުފާނު ދެއްވިއެވެ. "އެއްވެސް ވަރަކަށް، ކުރީގައި ފެނުނުކަހަލަ އެއްވެސް ބަދަލުހިފުމުގެ ރޫޙެއް މި ސަރުކާރުން އިސްނުކުރާނަން،" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވި ގޮތުގައި، މި ސަރުކާރާ ޤައުމު ހަވާލުވީ އިޤްތިޞާދު ހަލާކުވެ، އިޖުތިމާޢީ ފޭރާން ވީދި، ތަރައްޤީގެ މަޝްރޫޢުތައް ހުއްޓިފައި އޮތް ދަނޑިވަޅެއްގައެވެ. ނަމަވެސް، މިހާރު އެ ކަންކަން ރަނގަޅު ކުރުމުގެ ގިނަ މަސައްކަތްތަކެއް ކުރެވެމުންދާ ކަމަށާއި، ރައްޔިތުން ސިޔާސީ ތަޢައްޞަބުތައް އެއްކައިރިކޮށް ޤައުމީ ވިސްނުމުގައި ކުރިއަށްދިޔުމަށް އެމަނިކުފާނު ގޮވާލެއްވިއެވެ.
ކޮމެންޓު ފޮނުވާ