ފާއިތުވި ޖުލައި މަހުގެ ތެރޭގައި ދިވެހީންގެ އަތުން މަކަރާއި ހީލަތުގެ އެކިއެކި ސްކޭމްތަކަށް 1.37 މިލިއަން ރުފިޔާ ގެއްލިފައިވާ ކަމަށް ފުލުހުން މިއަދު ހާމަކޮށްފިއެވެ.
ފުލުހުން އާންމުކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، ޖުލައި މަހުގެ ތެރޭގައި ޖުމުލަ 180 ސްކޭމް މައްސަލައެއް ރިޕޯޓުކޮށްފައިވެއެވެ. މިއީ ދުވާލަކު އެވަރެޖުކޮށް 5.8 މައްސަލައެވެ. މި މައްސަލަތަކުގައި ޖުމުލަ 1,368,844.56 ރުފިޔާގެ މާލީ ގެއްލުމެއް ލިބިފައިވާއިރު، ކޮންމެ މައްސަލައަކުން އެވަރެޖުކޮށް 7,604.69 ރުފިޔާ ގެއްލިފައިވެއެވެ. އެއީ ދުވާލެއްގެ މައްޗަށް ބަލާއިރު ގާތްގަނޑަކަށް 44,000 ރުފިޔާއެވެ.
މި ގެއްލުންތަކުގެ ތެރެއިން 635,271.17 ރުފިޔާ ކަމާބެހޭ ފަރާތްތައް ގުޅިގެން ކުރި މަސައްކަތުން އަނބުރާ ހޯދިފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ. އެއީ ޖުމުލަ ގެއްލުނު ފައިސާގެ 46.41 އިންސައްތައެވެ.
ފުލުހުން ބުނިގޮތުގައި، އެންމެ ގިނައިން ރިޕޯޓުކޮށްފައި ވަނީ އޮންލައިން ވިޔަފާރި ނުވަތަ އީ-ކޮމާސްއާ ގުޅުންހުރި ސްކޭމްތަކެވެ. މުޅި މަހުގައި ރިޕޯޓުކުރި މައްސަލަތަކުގެ 43.33 އިންސައްތަ ނުވަތަ 78 މައްސަލައަކީ އެ ބާވަތުގެ މައްސަލަތަކެވެ. ދެން އެންމެ ގިނައީ ބުކިން ކެންސަލްކޮށް ރިފަންޑް ހޯދުމުގެ ސްކޭމްތަކެވެ. އެފަދަ 36 މައްސަލައެއް ފުލުހުންނަށް ހުށަހަޅާފައިވެއެވެ. މި ދެ ބާވަތުގެ މައްސަލަތައް އެއްކޮށްލުމުން ޖުމުލަ 114 މައްސަލައަށް އަރައެވެ. އެއީ މުޅި މަހުގެ މައްސަލަތަކުގެ 63.33 އިންސައްތައެވެ.
މީގެ އިތުރުން، އެހެނިހެން ބާވަތްބާވަތުގެ ސްކޭމުގެ 26 މައްސަލައާއި، ބޭރު ފައިސާ މާރުކުރުމުގެ ސްކޭމުގެ 20 މައްސަލައާއި، އެހެން ފަރާތްތަކަށް ހެދިގެން އޮޅުވާލުމުގެ 20 މައްސަލައެއް ޖުލައި މަހު ފުލުހުންނަށް ހުށަހަޅާފައިވެއެވެ.
މި ތަފާސްހިސާބުތަކުން ދައްކައިދެނީ ސޯޝަލް މީޑިއާއާއި އޮންލައިން ވިޔަފާރީގެ ޕްލެޓްފޯމްތަކާއި މެސެޖިން އެޕްލިކޭޝަންތައް މެދުވެރިކޮށް ހިންގާ ސްކޭމްތަކުގެ ސަބަބުން އާންމު ފަރުދުންނާއި ވިޔަފާރިތަކަށް ކުރިމަތިވަމުންދާ ނުރައްކާ ދުވަހެއް ދުވަހަކަށް ބޮޑުވަމުންދާ މިންވަރެވެ.
މި ފަދަ ސްކޭމްތަކުން ރައްކާތެރިވުމަށްޓަކައި، އޮންލައިންކޮށް ވިޔަފާރި ކުރާއިރު ވިއްކާ ފަރާތުގެ ސައްހަކަން ފުރިހަމައަށް ކަށަވަރު ނުކޮށް ކުރީބައިގައި ފައިސާ ނުދެއްކުމަށް ފުލުހުން ވަނީ ރައްޔިތުންނަށް އިލްތިމާސްކޮށްފައެވެ. އޭގެ ބަދަލުގައި، މުދާ ލިބުމަށްފަހު ފައިސާ ދެއްކުމުގެ އުސޫލު (ކޭޝް އޮން ޑެލިވަރީ) އިޚުތިޔާރު ކުރުމަށް އެ މުއައްސަސާއިން ލަފާދެއެވެ.
ފުލުހުން ފާހަގަކުރި ގޮތުގައި، ފައިސާ ދެއްކުމުގެ ކުރިން ވިއްކާ ފަރާތުގެ އެކައުންޓް ރަޖިސްޓްރީ ކުރި ތާރީޚާއި، ގުޅޭނެ މައުލޫމާތާއި، އެހެން ކަސްޓަމަރުންގެ ފީޑްބެކް ބެލުމަކީ މުހިންމު ކަމެކެވެ. އަދި ސޯޝަލް މީޑިއާ ޕޭޖުތަކުގައި ގިނަ ފޮޓޯއާއި އިޝްތިހާރު ހުރުމަކީ، ނުވަތަ ފޮލޯވަރުންގެ އަދަދު ގިނަވުމަކީ، ވިޔަފާރީގެ އިތުބާރު ދައްކުވައިދޭ ކަމެއް ނޫން ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
ޚާއްސަކޮށް، އާދަޔާ ޚިލާފަށް އަގު ހެޔޮކޮށް ހުންނަ މުދަލާއި، ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ފައިސާ ދެއްކުމަށް ބާރުއަޅާ އޮފާތަކާ މެދު ސަމާލުވުމަށް ފުލުހުން ވަނީ ނަސޭހަތްތެރިވެފައެވެ. ސަބަބަކީ، މަކަރާއި ހީލަތުން ފައިސާ ހޯދާ ފަރާތްތަކުން އާންމުކޮށް މަސައްކަތްކުރަނީ، ކުއްލި ކަންބޮޑުވުމެއް އުފައްދައި، މުއާމަލާތުގެ ސައްހަކަން ބެލުމުގެ ފުރުސަތު ނުދީ، އަވަހަށް ފައިސާ އަތުލުމަށް ކަމަށްވާތީއެވެ.
ކޮމެންޓު ފޮނުވާ