މާލޭގައި ހިންގި ދެ އޮޕަރޭޝަނެއްގައި ޖުމުލަ 48 ގުރާމަށްވުރެ ގިނަ މަސްތުވާތަކެއްޗާއެކު ދެ ޒުވާނަކު ފުލުހުން ހައްޔަރުކޮށްފިއެވެ.
މި ދެ މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ މި މަހުގެ 1 ވަނަ ދުވަހުއެވެ. މީގެ ތެރެއިން ފުރަތަމަ ހައްޔަރުކޮށްފައިވަނީ ޏ. ފުވައްމުލަކު ހޯދަޑު، މަނާގެ، ޒަޔާން ޢަބްދުއްލަޠީފް (22އ) އެވެ. ފުލުހުން ބުނާ ގޮތުގައި، މަސްތުވާތަކެތި ގެންގުޅެ، ބޭނުންކޮށް، ވިޔަފާރި ކުރަމުންދާ ކަމުގެ ތުހުމަތުގައި މާލޭ މަގުމަތިން އޭނާ ހުއްޓުވައި ބަލައިފާސްކުރި އިރު، މަސްތުވާތަކެތި ކަމަށް ބެލެވޭ 20.78 ގުރާމުގެ ތަކެތި ފެނިފައިވެއެވެ.
ދެވަނަ އަށް ހައްޔަރުކޮށްފައިވަނީ ވ. ފުލިދޫ، އެވަރެސްޓް، އަޙްމަދު ދައުސް ޢަބްދުލްޤާދިރު (19އ) އެވެ. މާލެތެރެ ޕެޓްރޯލްކުރަމުން ދިޔަ ފުލުހުންނަށް އޭނާގެ އަމަލުތައް ހުރި ގޮތުން ޝައްކުކުރެވިގެން ހުއްޓުވައި ބަލައިފާސްކުރި އިރު، މަސްތުވާތަކެތި ކަމަށް ބެލެވޭ 27.32 ގުރާމުގެ ތަކެތި ފެނުނު ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.
ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ޒަޔާން 15 ދުވަހަށް، އަދި އަޙްމަދު ދައުސް 10 ދުވަހަށް ބަންދުކުރުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ. މި ދެ މައްސަލަ ވެސް ފުލުހުން މިހާރު ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.
ކޮމެންޓު ފޮނުވާ