ކަނޑުމަތީގެ ނުރައްކާތެރި ހާދިސާތައް ގިނަވަމުންދާތީ، ކަނޑުދަތުރު ކުރައްވާ ފަރާތްތަކުން މޫސުމަށް ޚާއްސަ ސަމާލުކަމެއް ދިނުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ގޮވާލައްވައިފިއެވެ.
ސޯޝަލް މީޑިއާ މެދުވެރިކޮށް ފުލުހުން މި މެސެޖު ހިއްސާކުރެއްވީ، ކުރިއަށް އޮތް ވަގުތުތަކުގައި ރާއްޖޭގެ މޫސުން ގޯސްވާނެ ކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ލަފާކުރައްވާފައި ވަނިކޮށެވެ. ޒަރޫރީ ދަތުރުތައް ފިޔަވައި މި ދުވަސްވަރު ކަނޑަށް ނިކުމެ އުޅުމުން ދުރުވެ، މޫސުމާ ބެހޭ އެންމެ ފަހުގެ މައުލޫމާތު ހޯއްދަވައި، ނެރެފައިވާ ސަމާލުތަކާ އެއްގޮތަށް އަމަލު ކުރެއްވުމަށް ފުލުހުން ވަނީ ބާރު އަޅުއްވާފައެވެ.
މެޓް އޮފީހުން ވަނީ ނ. އަތޮޅުން ފެށިގެން ވ. އަތޮޅާ ދެމެދުގެ ސަރަޙައްދަށް، މިއަދު މެންދުރުފަހު 2:30 އިން ފެށިގެން އިރުއޮއްސި 7:00 އާ ހަމައަށް ވައިޓް އެލާޓް ނެރުއްވާފައެވެ. މި ވަގުތުތަކުގައި ޢާންމުގޮތެއްގައި ގަޑިއަކު 19 މޭލާއި 20 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހި، ވިލާގަނޑުގައި ގަޑިއަކު 50 މޭލަށް ވައި ގަދަވެ، ކަނޑުތައް ވަރަށް ބޮޑަށް ގަދަވާނެ ކަމަށް ލަފާ ކުރައްވައެވެ.
މޫސުމީ މި ނުތަނަވަސްކަމުގައި ކަނޑުމަތީގެ ހާދިސާތަކުން ސަލާމަތްވެ ތިބުމަށްޓަކައި، ކަމާ ބެހޭ އިދާރާތަކުން ދެއްވަމުން ގެންދަވާ އިރުޝާދުތަކަށް ބޯލަނބައި، ރައްކާތެރިކަމުގެ ފިޔަވަޅު އެޅުއްވުމަށް އެންމެހާ ފަރާތްތަކަށް ވަނީ އިލްތިމާސް ކުރައްވާފައެވެ.
ކޮމެންޓު ފޮނުވާ