މެރާލް އާއި މިކްސް ރިލޭ ޓީމުގެ ފަރާތުން ގައުމީ އިތުރު ދެ ރެކޯޑެއް

މެރާލް އާއި މިކްސް ރިލޭ ޓީމުގެ ފަރާތުން ގައުމީ އިތުރު ދެ ރެކޯޑެއް

Author
އަހުމަދު
26 ޖުލައި 2026 12:07
0

ސްކޮޓްލެންޑްގެ ގްލާސްގޯގައި ކުރިއަށްދާ 23 ވަނަ ކޮމަންވެލްތު ގޭމްސްގެ ދެ ވަނަ ދުވަހު، ދިވެހި ފެތުންތެރިން ދެ ގައުމީ ރެކޯޑެއް އާ ކޮށްފި އެވެ.

މި ދެ ރެކޯޑް ފުނޑާލީ، އަންހެނުންގެ 200 މީޓަރު ފްރީސްޓައިލްގައި ވާދަކުރި މެރާލް އައިން ލަތީފް އާއި ހަތަރެއް ގުނަ 100 މީޓަރު ފްރީސްޓައިލް މިކްސް ރިލޭގައި ވާދަކުރި ދިވެހި ޓީމުންނެވެ. ރިލޭ ޓީމުގައި މެރާލްގެ އިތުރުން ހިމެނުނީ މުހައްމަދު އާން ހުސެއިން، މުހައްމަދު ރިހާން ޝިހާމް އަދި އަމްނާ ތަޒްކިޔާ މިރުސާދެވެ.

މެރާލް، 200 މީޓަރު ފްރީސްޓައިލްގެ ހީޓު އެކެއްގައި ފަސް ވަނަ ހޯދީ 2 މިނިޓް 25.08 ސިކުންތުން ރޭސް ނިންމައިގެންނެވެ. މި ރެކޯޑް ކުރިން އޮތީ 10 އަހަރު ވަންދެން އާ ނުކުރެވި އެވެ. އެ ރެކޯޑަކީ 2016 ވަނަ އަހަރު ތައިލެންޑުގައި ބޭއްވި ސްޕީޑޯ އޭޖް ގްރޫޕް ސްވިމިން ޗެމްޕިއަންޝިޕްގައި، 2 މިނިޓް 25.32 ސިކުންތުން ރޭސް ނިންމައިގެން ހަދާފައި އޮތް ރެކޯޑެކެވެ.

މިކްސް ރިލޭ ޓީމުން 4 މިނިޓް 00.64 ސިކުންތުން ރޭސް ނިންމައި ހޯދީ ހަ ވަނަ އެވެ. ޝައުގުވެރި ކަމަކީ، މި އިވެންޓްގައި ރާއްޖޭގެ ކުރީގެ ރެކޯޑް ވެސް ހަދާފައި އޮތީ ހަމަ މި ހަތަރު ފެތުންތެރިންނެވެ. މިދިޔަ އަހަރު ވޯލްޑް އެކުއަޓިކްސް ޗެމްޕިއަންޝިޕްގައި އެ ޓީމު ރޭސް ނިންމީ 4 މިނިޓް 04.21 ސިކުންތުންނެވެ.

މި ފަހަރުގެ ކޮމަންވެލްތު ގޭމްސްގައި މީގެ ކުރިން ވެސް ދިވެހި ފެތުންތެރިން ވަނީ ދެ ގައުމީ ރެކޯޑެއް އާ ކޮށްފަ އެވެ. އެއީ 50 މީޓަރު ބެކްސްޓްރޯކުން އާން ހަދާފައި އޮތް ރެކޯޑާއި، 100 މީޓަރު ބްރެސްޓްރޯކުން ލޫތު މުހައްމަދު ހުސެއިން ހަދާފައި އޮތް ރެކޯޑެވެ. މިއާއެކު، މި މުބާރާތުގައި ޖުމްލަ ހަތަރު ގައުމީ ރެކޯޑް ދިވެހި ޓީމުން ވަނީ ފުނޑާލައިފަ އެވެ.

ސްވިމިންގެ ދެ ވަނަ ދުވަހު އާން ވަނީ ފިރިހެނުންގެ 50 މީޓަރު ފްރީސްޓައިލްގައި ވެސް ވާދަކޮށްފަ އެވެ. އަށް އެތުލީޓުން ބައިވެރިވި ހީޓުގައި އޭނާ ފަސް ވަނަ ހޯދީ 24.59 ސިކުންތުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.