އަތޮޅު ކައުންސިލްތައް އުވާލުމުން ދައުލަތުގެ ހަރަދު ކުޑަވާނެ ގޮތެއް ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ)އަށް ބުނެދެވިފައި ނުވާ ކަމަށް އެމްޑީޕީން މިއަދު ބުނެފި އެވެ.
އެ ޕާޓީގެ ލާމަރުކަޒީ ކޮމިޓީން މިއަދު ވަނީ އެލްޖީއޭގެ އިސްވެރިންނާ ބައްދަލުކޮށް، ޕާޓީގެ ކަންބޮޑުވުންތައް ހިއްސާކޮށްފަ އެވެ. އެ ބައްދަލުވުމަށް ފަހު އެލްޖީއޭގެ އޮފީސް ދޮށުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، އެމްޑީޕީގެ ލާމަރުކަޒީ ކޮމިޓީގެ މުގައްރިރު އަދި އެ ޕާޓީގެ ކުރީގެ ޑެޕިއުޓީ ޗެއާޕާސަން އަލީ ނިޔާޒު ވިދާޅުވީ، މައިގަނޑު ގޮތެއްގައި މަޝްވަރާ ކުރެވުނީ އަތޮޅު ކައުންސިލްތައް އުވާލި މައްސަލައާ ގުޅޭ ގޮތުން ކަމަށެވެ.
ނިޔާޒު ވިދާޅުވި ގޮތުގައި، އަތޮޅު ކައުންސިލް އުވާލުމުގައި އެލްޖީއޭގެ ވިސްނުމަކީ ކޮބައިތޯ އާއި ސަރުކާރަށް އެ ކަމުގައި ފަންނީ ލަފައެއް ދީފައި ވޭތޯ ބައްދަލުވުމުގައި ސާފުކުރި އެވެ. ޖަވާބުގައި، އެލްޖީއޭގެ ސީއީއޯ މުހައްމަދު ނިމާލްގެ އަމިއްލަ ވިސްނުމަކީ އަތޮޅު ކައުންސިލްތައް އުވާލަން ޖެހޭ ކަމަށެވެ. ނަމަވެސް، އެލްޖީއޭގައި ތިއްބެވި ފަންނީ ބޭފުޅުން އެ ނިންމުމަށް ތާއީދު ނުކުރައްވާ ކަމަށާއި، އެ ކަމަށް އެލްޖީއޭގެ ފަރާތުން ފަންނީ ލަފައެއް ވެސް ދީފައި ނުވާ ކަން ނިޔާޒު ފާހަގަކުރެއްވި އެވެ.
އެލްޖީއޭގެ ސީއީއޯއަކީ ރައީސް އައްޔަން ކުރައްވާ މަގާމެއް ކަމުން، ސަރުކާރުގެ ވިސްނުން ނިމާލް ދިފާއު ކުރެއްވި ނަމަވެސް، އެލްޖީއޭގެ ފަންނީ މުވައްޒަފުން އެ ނިންމުމަށް ތާއީދު ނުކުރައްވާކަން ހާމަވެގެން ދިޔަ ކަމަށް އޭނާ ވިދާޅުވި އެވެ.
"އެހެންވީމަ އެނގިގެން މިދިޔަ ކަމަކީ، ރައްޔިތުންގެ މަޖިލިސް ތެރޭގައި ސަރުކާރުގެ ސިޔާސަތުގެ ދަށުން ގެނެސްފައިވާ ބަދަލެއްކަން މިއީ. އެ ބަދަލު އެގޮތަށް އައިމާ އެ ބޭފުޅުން [އެލްޖީއޭ]ން އެގޮތަށް އަމަލު ކުރައްވަނީކަން،" 19 ވަނަ މަޖިލީހުގައި ހުޅުމާލެ ދާއިރާ ތަމްސީލު ކުރައްވައި، އެ މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީގެ މުގައްރިރުކަން ވެސް ކުރެއްވި ނިޔާޒު ވިދާޅުވި އެވެ. "މިއީ މުޅި ލާމަރުކަޒީ ނިޒާމަށް އައި ހެޔޮ ބަދަލެއްގެ ގޮތުގައި ދެކޭ ދެކުން އެ ބޭފުޅުން ދެކެވަޑައިނުގަންނަވާ، ފަންނީ ގޮތުން."
އަތޮޅު ކައުންސިލްތައް އުވާލި މައިގަނޑު އެއް ސަބަބެއްގެ ގޮތުގައި ސަރުކާރުން ކުރިން ފާހަގަކޮށްފައި ވަނީ ދައުލަތުގެ ހަރަދު ކުޑަކުރުމެވެ. ނަމަވެސް، އެ ނިންމުމުގެ ސަބަބުން ހަރަދު ކުޑަނުވާނެ ކަމަށް ނިޔާޒު ވިދާޅުވި އެވެ.
"ހަރަދު ކުޑަ ކުރުމުގެ ވިސްނުމުގައި ކޮށްފައި އޮތް ކަމެއް ނޫން އެއީ. ގާނޫނުގައި އެބައޮތް، މިހާރު އިތުރު މެންޑޭޓެއް އެލްޖީއޭގެ ބްރާންޗުތައް އަތޮޅުތަކުގައި ގާއިމް ކުރަން. އެހެންވީމަ ހަރަދު ކުޑައެއް ނުވޭ. އެ ބޭފުޅުންގެ ވާހަކައަކުން ވެސް އެއީ ހަރަދު ކުޑަ ކުރަން ކުރި ކަމެއްގެ ގޮތުގައި ފާހަގައެއް ނުވޭ. އެކަމުގައި ދަލީލުތަކެއް ވެސް ދެއްކޭކަށް ނެތް ހަރަދު ކުޑަ ކުރެވޭނެ ކަމަށް،" އޭނާ ވިދާޅުވި އެވެ.
މީގެ އިތުރުން، ރައްޔިތުންނާ ގުޅުން ހުރި މުހިންމު ނިންމުންތައް އެލްޖީއޭން ނިންމަމުން އަންނައިރު، އެ ނިންމުންތައް ނިންމާ ސަބަބުތައް ސާފުކޮށް ރައްޔިތުންނަށް އެނގެން ޖެހޭ ކަމަށް ވެސް ނިޔާޒު ވިދާޅުވި އެވެ. މިސާލެއްގެ ގޮތުގައި އޭނާ ދެއްކެވީ، މުޅި ފ. އަތޮޅުގެ ރައްޔިތުންގެ ބިމެއް ފ. ނިލަންދޫ ކައުންސިލަށް ދޭން ފަހުން ނިންމި ނިންމުމެވެ. އެއީ ފ. އަތޮޅުގެ އެހެން ރަށްރަށުގެ ރައްޔިތުންގެ ބޮޑު ޝަކުވާއެއް ކަމަށާއި، ނަމަވެސް އެ ނިންމުމުގެ ސަބަބުތައް ސާފުނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.
އެ ނިންމުން އެލްޖީއޭން ނިންމީ ސިޔާސީ ނުފޫޒުގެ ދަށުން ކަމަށް ވެސް ނިޔާޒު ތުހުމަތުކުރެއްވި އެވެ. އެ ގޮތުން، ނިލަންދޫ ދާއިރާގެ މަޖިލިސް މެންބަރަކީ ރައީސް މުހައްމަދު މުއިއްޒުގެ ކޮއްކޯފުޅު ފާތިމަތު ސައުދާ ކަން އޭނާ ފާހަގަކުރެއްވި އެވެ.
ބައްދަލުވުމުގައި އެމްޑީޕީން އެލްޖީއޭގެ ފަރާތުން އެދުނު އެއް ކަމަކީ، ބޮޑެތި ނިންމުންތައް ނިންމުމުގައި އެ އޮތޯރިޓީގެ ބޯޑުން ބާއްވާ ބައްދަލުވުންތައް ލައިވް ކުރުމެވެ.
"އަޅުގަނޑުމެން އެދުނިން މިފަދަ ބޮޑެތި ނިންމުންތަކަށް މަޝްވަރާ ކުރާއިރު، އެ ބޭފުޅުންގެ ނިންމުންތައް ލައިވް ކުރުމަށް،" ނިޔާޒު ވިދާޅުވި އެވެ.
ކޮމެންޓު ފޮނުވާ