ކުންފުނިތަކުން %33 މުވައްޒަފުން ވަކިކޮށްފި ނަމަ، އާބާދީގެ %25އަށް ނޭދެވޭ އަސަރު ކުރާނެ : އެމްޑީޕީ

ކުންފުނިތަކުން %33 މުވައްޒަފުން ވަކިކޮށްފި ނަމަ، އާބާދީގެ %25އަށް ނޭދެވޭ އަސަރު ކުރާނެ : އެމްޑީޕީ

Author
އަހުމަދު
21 ޖުލައި 2026 07:52
0

ސަރުކާރު ހިއްސާވާ ކުންފުނިތަކުން %33 މުވައްޒަފުން ވަކިކުރުމުގެ ނިންމުމުގެ ސަބަބުން ރާއްޖޭގެ އިގްތިސާދާއި އިޖުތިމާއީ ފޭރާމަށް ބޮޑެތި ލޮޅުންތަކެއް އަރާނެ ކަމަށް އިދިކޮޅު އެމްޑީޕީން ބުނެފިއެވެ.

އެ ޕާޓީގެ ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވީ، ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން އަންގާފައިވާ ގޮތަށް "ރައިޓްސައިޒް" ކުރުމުގެ ނަމުގައި ކޮންމެ ކުންފުންޏަކުން %33 މުވައްޒަފުން ވަކިކޮށްފި ނަމަ، ޖުމްލަ 14,733 މީހެއްގެ ވަޒީފާ ގެއްލޭނެ ކަމަށެވެ. މީގެ ސީދާ އަސަރު ގާތްގަނޑަކަށް 50,000 މީހަކަށް ފޯރާނެ ކަމަށާއި، މުޅި އާބާދީގެ 25 އިންސައްތަ މީހުންނަށް އިގްތިސާދީ ގޮތުން ނޭދެވޭ އަސަރު ކުރާނެ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

"ރައިޓް ސައިޒް ކުރަންށޭ ކިޔައިފައި 33 ޕަސެންޓު، އެއީ 14،733 މީހުން، އެއީ ނަންބަރު ބަލާއިރު ކަނޑާ މަގުމައްޗަށް އެއްލައިލުން. އާބާދީން މަދުވެގެން 50،000 މީހުންގެ ދިރިއުޅުމާ ގުޅުން ހުރި ކަމެއް އެއީ. އަދި އެއީ އާބާދީގެ 20 ނުވަތަ 25 ޕަސެންޓު މީހުންގެ ކެއިން ބުއިމާއި ބޯހިޔާވަހިކަމާ ގުޅުންހުރި ކަމެއް،" ފައްޔާޒު ވިދާޅުވިއެވެ.

ފައްޔާޒު އިތުރަށް ސުވާލު އުފެއްދެވީ، ކުންފުނިތައް "ރޯންގް ސައިޒް" ވީ ސަބަބު ޕީސީބީން ބެލިތޯއެވެ. ކުންފުނިތަކުގައި މުވައްޒަފުން އިތުރުވީ ކާކުގެ މައްސަލައަކުންތޯ ބަލަން ޖެހޭ ކަމަށާއި، ކުންފުނިތައް ހިންގަން ތިބި މީހުންގެ އިހުމާލެއް ނަމަ، ފުރަތަމަ ފިޔަވަޅު އަޅަން ޖެހޭނީ އެ ފަރާތްތަކާ ދޭތެރޭ ކަމަށް އޭނާ ވިދާޅުވިއެވެ. "ހިންގަން ތިބި މީހުންގެ މައްސަލައެއް ކަމަށްވާ ނަމަ އެ މީހުން އެއްކޮށް ކަނޑައިފައި މުވައްޒަފުން ކަނޑަން ޖެހޭނީ،" ފައްޔާޒު ވިދާޅުވިއެވެ.

ކޮވިޑް-19 ގެ ދަތި ދުވަސްވަރު ވެސް އޭރުގެ ސަރުކާރުން މަސައްކަތް ކުރީ މީހުންގެ ވަޒީފާ ސަލާމަތްކޮށްދިނުމަށް ކަމަށާއި، އާމްދަނީ ހުއްޓުނު 22,945 މީހަކަށް އެހީތެރިކަން ފޯރުކޮށްދީ، އިގްތިސާދު ކޮޅަށް ޖެހުމަށް 4.19 ބިލިއަން ރުފިޔާގެ ޕްރޮގްރާމެއް ހިންގާފައިވާ ކަން ފައްޔާޒު ފާހަގަކުރެއްވިއެވެ.

ހަމަ އެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ކުރީގެ މެންބަރު ހަސަން ލަތީފް ވިދާޅުވީ، މުވައްޒަފުން ވަކިކުރަމުން ދަނީ އެއްވެސް އޮޕަރޭޝަނަލް އޮޑިޓެއް ނުވަތަ ދިރާސާއެއް ނެތި ކަމަށެވެ. ވަކި އިންސައްތައެއް ކަނޑައަޅައިގެން މީހުން ވަކިކުރުމުގެ ބަދަލުގައި، ކުންފުނީގެ މެންޑޭޓަށް ބޭނުންވާ މުވައްޒަފުންގެ އަދަދު ކަނޑައަޅަން ޖެހޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

"މިދިޔަ ސަރުކާރު ނިމުނު އިރު ކުންފުނިތަކުގައި ތިބީ ގާތްގަނޑަކަށް 30،000 މުވައްޒަފުން. މިހާރު 44،645 މުވައްޒަފުން ތިބި އިރު، 33 ޕަސެންޓު ކަނޑައިލީމާ މި އަންނަނީ 29،913 އަށް،" ހަސަން ލަތީފް ވިދާޅުވިއެވެ. އޭނާ އިތުރަށް ވިދާޅުވީ، ވަޒީފާއިން ވަކިކުރާ މުވައްޒަފުންގެ ހައްގުގައި އެމްޑީޕީގެ ގާނޫނީ ކޮމިޓީން މަސައްކަތް ކުރަމުންދާ ކަމަށާއި، މިހާތަނަށް 65 މުވައްޒަފެއްގެ މައްސަލަ ބަލަމުންދާ ކަމަށެވެ. އޭގެ ތެރެއިން 37 މައްސަލައެއް މިހާރު ވަނީ ޝަރީއަތަށް ހުށަހަޅާފައި ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ޕީސީބީން މިދިޔަ އެޕްރީލް 18 ގައި ނެރެފައިވާ ސާކިއުލާއެއްގައި ބުނެފައި ވަނީ %33 މުވައްޒަފުން މަދުކުރަނީ ކުންފުނިތަކުގެ މުވައްޒަފުންގެ އަދަދު ކުންފުންޏާ އެކަށީގެންވާ މިންވަރަކަށް ކަނޑައެޅުމުގެ ސިޔާސަތުގެ ދަށުން ކަމަށެވެ. މި ހިނގާ ޖުލައި 13 އިން ފެށިގެން ކުރިއަށް އޮތް ތިން މަސް ދުވަހުގެ ތެރޭގައި މި ލަނޑުދަނޑި ހާސިލުކުރުމަށް ސަރުކާރު ހިއްސާވާ ހުރިހާ ކުންފުނިތަކަށް މިހާރު ވަނީ އަންގާފައެވެ. ނަމަވެސް އެމްޑީޕީން ތުހުމަތު ކުރާ ގޮތުގައި މި ނިންމުމަކީ އެއްވެސް އުސޫލެއް ނެތި، ރާއްޖޭގެ އެތައް އާއިލާއެއް ބިކަވެގެންދާނެ ފަދަ ނިންމުމެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.