ރަށު ކައުންސިލްތަކާއި ސިޓީ ކައުންސިލްތަކުގެ ސެކްރެޓަރީ ޖެނެރަލުންގެ މުސާރަ އަންނަ އޮގަސްޓު މަހުން ފެށިގެން ކުޑަކުރަން ސިވިލް ސާވިސް ކޮމިޝަނުން ނިންމައިފިއެވެ.
ސިވިލް ސާވިސް ކޮމިޝަންގެ ސެކްރެޓަރީ ޖެނެރަލް ޢަބްދުﷲ ސަޢީދު ސޮއިކުރައްވައި، ޕާމަނަންޓް ސެކްރެޓަރީންނަށާއި، ކައުންސިލްތަކުގެ ޒިންމާދާރުވެރިންނަށާއި، ސެކްރެޓަރީ ޖެނެރަލުންނަށް ފޮނުއްވި ސިޓީގައި ވަނީ، ނޭޝަނަލް ޕޭ ކޮމިޝަނުން ގެނައި ބަދަލުތަކާ އެއްގޮތަށް އަންނަ މަހުން ފެށިގެން މުސާރަ ދިނުމަށް އެދިވަޑައިގެންފައެވެ. ޕޭ ކޮމިޝަނުން ބަދަލު ގެނެސްފައި ވަނީ ސެކްރެޓަރީ ޖެނެރަލުންގެ އެގްޒެކެޓިވް އެލަވަންސަށެވެ.
މި ބަދަލާ އެކު، މިހާރު ސިޓީ ކައުންސިލްތަކުގެ ސެކްރެޓަރީ ޖެނެރަލުންނަށް އެގްޒެކެޓިވް އެލަވަންސްގެ ގޮތުގައި ލިބޭ 28،095 ރުފިޔާ 23،065 ރުފިޔާއަށް ކުޑަވެގެންދާނެއެވެ. މިއީ 5،030 ރުފިޔާގެ ދަށްވުމެކެވެ.
ނަން ހާމަނުކުރުމަށް އެދި ކައުންސިލެއްގެ އިސް ބޭފުޅަކު 'ސަން’އަށް މިއަދު ވިދާޅުވީ، މި ބަދަލާ އެކު ސެކްރެޓަރީ ޖެނެރަލުންގެ ދަށުން މަސައްކަތްކުރާ ޑިރެކްޓަރުންގެ މުސާރަ ބޮޑުވެގެންދާނެ ކަމަށެވެ. ކައުންސިލްތަކުގައި މަސައްކަތްކުރާ ގިނަ ސެކްރެޓަރީ ޖެނެރަލުންނަކީ ކައުންސިލްތަކުގެ އިދާރީ ހިންގުން ހަރުދަނާކުރި ބައެއް ކަމަށާއި، އެ ބޭފުޅުންގެ ދައުރު ބޮޑުކަން ފާހަގަކުރައްވައި، މިއީ ފަހަތަށް އެޅުނު ފިޔަވަޅެއްގެ ގޮތުގައި އޭނާ ސިފަކުރެއްވިއެވެ.
މުސާރައިގެ އޮނިގަނޑަށް ބަދަލު ގެންނަ ކޮންމެ ފަހަރަކު މިފަދަ ޝަކުވާތައް ގިނަވެއެވެ. ރައީސް ޑރ. މުޙައްމަދު މުޢިއްޒު ފަހުން މުސާރަތައް ބޮޑުކުރެއްވިއިރު، ޝަރުއީ ދާއިރާ އާއި ގާނޫނީ ދާއިރާގެ މުވައްޒަފުންގެ މުސާރައަށް ހެޔޮ ބަދަލެއް ނާންނަ ކަމަށް ބުނެ އަދިވެސް ކަންބޮޑުވުން ފާޅުކުރަމުން އެބަދެއެވެ.
ކޮމެންޓު ފޮނުވާ