ބްރާގައި ޑްރަގު ފޮރުވައިގެން ގެންދިޔަ އަންހެނަކު 50 އަހަރަށް ޖަލަށް

ބްރާގައި ޑްރަގު ފޮރުވައިގެން ގެންދިޔަ އަންހެނަކު 50 އަހަރަށް ޖަލަށް

Author
އަހުމަދު
21 ޖުލައި 2026 02:45
0

ބްރާގައި މަސްތުވާތަކެތި ފޮރުވައިގެން ހަނިމާދޫ އެއާޕޯޓުން ދަތުރުކުރަން އުޅުނު ކުޅުދުއްފުށީ އަންހެނަކު 50 އަހަރަށް ޖަލަށް ލުމަށް ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓުން ހުކުމް ކޮށްފިއެވެ.

މި ހުކުމް އިއްވާފައިވަނީ ކުޅުދުއްފުށީ، ކޮށީގެ، އާމިނަތު ލަމްހާގެ މައްޗަށެވެ. އޭނާ ހައްޔަރު ކުރީ 2024 ވަނަ އަހަރުގެ ޖޫން މަހު ހަނިމާދޫ އެއާޕޯޓުން ދަތުރުކުރަން އުޅުނިކޮށެވެ. މި މައްސަލައިގައި ޖުލައި 16 ވަނަ ދުވަހު ހުކުމް އިއްވި އިރު ދައުލަތުން ލަމްހާގެ މައްޗަށް ދެ ދައުވާއެއް ކުރިއެވެ. އެއީ ޖަދުވަލު އެކެއްގައި ހިމެނޭ މަސްތުވާއެއްޗެއް ޓްރެފިކް ކުރުމުގެ ދައުވާއާއި ޑައިމޯފިން ޓްރެފިކް ކުރުމުގެ ދައުވާއެވެ.

ދައުލަތުން ހުށަހެޅި ހެކިތަކުން ހާމަވި ގޮތުގައި، ލަމްހާ އަޅައިގެން ހުރި ބްރާގެ ވައަތްފަރާތު ކަޕުގައި ހުދު ޓިޝޫއަކުން އޮޅާލާފައި އޮތް ޖޫސްޕެޓީ ކޮތަޅެއްގެ ތެރޭގައި މެޓަމްފެޓަމިން ރެސިމޭޓް ފޮރުވާފައި ހުއްޓެވެ. މީގެ އިތުރުން، ބްރާގެ ކަނާތްފަރާތު ކަޕުގެ ތެރޭގައި ޑައިމޯފިންވެސް ފޮރުވާފައި ހުރި ކަމަށް ދައުލަތުން ބުނެއެވެ. މެޓަމްފެޓަމިން ރެސިމޭޓަކީ ޖަދުވަލު އެކެއްގައި ހިމެނޭ މަސްތުވާ އެއްޗެކެވެ.

ޝަރީޢަތުގައި ލަމްހާ ވަނީ ދެ ދައުވާއަށްވެސް އިންކާރު ކޮށްފައެވެ. ނަމަވެސް ދައުލަތުން ހުށަހެޅި ހެކިތަކުގެ އަލީގައި ދެ ކުށްވެސް އޭނާގެ މައްޗަށް ސާބިތުވާ ކަމަށް ކޯޓުން ކަނޑައެޅިއެވެ.

ކޯޓުން ވަނީ ކޮންމެ ކުށަކަށް ވަކިވަކިން 25 އަހަރު ދުވަހުގެ ޖަލު ހުކުމަކާއެކު 100,000 ރުފިޔާގެ ޖޫރިމަނާއެއް ލަމްހާގެ މައްޗަށް އިއްވާފައެވެ. އެއާއެކު، ޖުމްލަކޮށް 50 އަހަރު ދުވަހަށް ޖަލަށްލުމާއެކު 200,000 ރުފިޔާއިން އޭނާ ޖޫރިމަނާ ކުރުމަށް ވަނީ ހުކުމް ކޮށްފައެވެ. ނަމަވެސް ތަހުގީގު މަރުހަލާގައި އޭނާ ބަންދުގައި ހޭދަކުރި 60 ދުވަސް އުނިކުރުމުން، އޭނާ ތަންފީޒު ކުރަން ޖެހޭނީ 49 އަހަރާއި 10 މަސް ދުވަހުގެ ޖަލު ހުކުމެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.