ދިވެހިރާއްޖެއާއި މެލޭޝިޔާގެ ސެންޓްރަލް ބޭންކުތައް މެދުވެރިކޮށް 100 މިލިއަން ޑޮލަރުގެ ކުރު މުއްދަތުގެ ކަރަންސީ ސްވޮޕް ފެސިލިޓީއެއް ފޯރުކޮށްދެއްވުމަށް މެލޭޝިޔާ ސަރުކާރުން ނިންމެވި ނިންމެވުމަށް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، މެލޭޝިޔާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމަށް ޝުކުރު އަދާކުރައްވައިފިއެވެ.
ސޯޝަލް މީޑިއާގައި ރައީސް ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ދެޤައުމުގެ ދެމެދުގައި ޕްރިފަރެންޝަލް ޓްރޭޑް އެގްރީމެންޓެއް އެކުލަވާލުމުގެ މަޝްވަރާތައް ފެށުމަށް މެލޭޝިޔާއިން އެއްބަސްވެވަޑައިގެންފައިވުމަކީ ލިބިވަޑައިގެންނެވި ވަރަށް ބޮޑު އުފާފުޅެއް ކަމަށެވެ. އަދި ވިޔަފާރިއާއި އިންވެސްޓްމަންޓް، ތަޢުލީމު، ޞިއްޙަތު، ދެމެހެއްޓެނިވި ތަރައްޤީ، އިސްލާމީ ކަންކަން އަދި ދިފާޢީ ދާއިރާއިން ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރެއްވުމުގެ މުހިންމުކަން ރައީސް ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން، ޕީއެންސީގެ ކޮންގްރެސްއަށް ބޮޑުވަޒީރު އަންވަރު ދެއްވި އެއްބާރުލެއްވުމާއި ހިތްވަރަށްޓަކައި ރައީސް ވަނީ އިޚްލާޞްތެރި ޝުކުރެއް އަދާކުރައްވާފައެވެ. ބޮޑުވަޒީރުގެ މި ދަތުރުފުޅާއެކު ދިވެހިރާއްޖެއާއި މެލޭޝިޔާގެ ގުޅުމުގައި އައު ބާބެއް ހުޅުވިގެންގޮސް، ކުރިއަށް އޮތްތާނގައި މި އަޚުވަންތަ ގުޅުން އިތުރު ހަރުފަތަކަށް ގެންގޮސްދެއްވާނެ ކަމުގެ ޔަޤީންކަން ރައީސް ވަނީ އަރުވާފައެވެ.
ކޮމެންޓު ފޮނުވާ