އެމެރިކާއިން އިރާނާ ދެކޮޅަށް ފެށި ހަނގުރާމައާއި، އޭގެ ރައްދުގައި އިރާނުން ހުރްމުޒް ކަނޑުއޮޅި ބަންދުކުރުމުގެ ސަބަބުން، ހަނގުރާމައިގެ ފުރަތަމަ މަސްދުވަހުގެ ތެރޭގައި ޢަރަބި ޤައުމުތަކުގެ އިޤްތިޞާދަށް ގާތްގަނޑަކަށް 150 ބިލިއަން ޑޮލަރުގެ ގެއްލުމަކާ ކުރިމަތިވެފައިވާކަމަށް އދއިން ބުނެފިއެވެ.
ބަހްރޭނުން އިސްނަގައިގެން ބޭއްވި އދގެ ސަލާމަތީ މަޖިލީހުގެ ބައްދަލުވުމުގައި ހުޅަނގު އޭޝިއާގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ކޮމިޝަނުގެ އެގްޒެކެޓިވް ސެކްރެޓަރީ ރާނިއާ އަލް-މަޝާތު ވިދާޅުވީ، މި ޢަދަދަކީ މުޅި ސަރަޙައްދުގެ ޖުމްލަ އުފެއްދުންތެރިކަމުގެ 4 އިންސައްތަ ކަމަށެވެ. ދުނިޔޭގެ ތެލުގެ ވިޔަފާރީގެ 25 އިންސައްތައާއި ގޭހުގެ ވިޔަފާރީގެ 19 އިންސައްތަ ޙިއްޞާކުރާ ހުރްމުޒް ކަނޑުއޮޅި އިރާނުގެ ކޮންޓްރޯލްގެ ދަށަށް ގެނައުމާއެކު، ދުނިޔޭގެ އިޤްތިޞާދަށްވެސް ބޮޑު ނުރައްކަލެއް ކުރިމަތިވެފައިވާކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
މިދިޔަ ފެބުރުއަރީ 28 ވަނަ ދުވަހު އެމެރިކާއިން ޔަހޫދީ ދައުލަތާ ގުޅިގެން އިރާނަށް ދޭން ފެށި ވައިގެ ހަމަލާތަކުގައި، އިރާނުގެ ރޫޙީ ވެރިޔާ އާޔަތުﷲ ޢަލީ ޚާމަނާއީއާއި އަސްކަރީ އަދި ސިޔާސީ އިސް ބޭފުޅުންތަކެއް ޝަހީދުކޮށްލައި، އެތައް ސަތޭކަ ޢާންމުން މަރުވެފައިވެއެވެ. މީގެ ތެރޭގައި ގިނައީ އަންހެނުންނާއި ކުޑަކުދިންނެވެ. މި ހަމަލާތަކުގެ ރައްދުގައި އިރާނުން ވަނީ ހުރްމުޒް ކަނޑުއޮޅި އަތުލައި، ގަލްފުގެ ޢަރަބި ޤައުމުތަކުގައި ހުރި އެމެރިކާގެ ޢަސްކަރީ މަރުކަޒުތަކަށް މިސައިލާއި ޑްރޯން ހަމަލާތައް ދީފައެވެ.
މަޝާތު ފާހަގަކުރެއްވި ގޮތުގައި، ހަނގުރާމަ ފެށުމުގެ ކުރިންވެސް ޢަރަބި 22 ޤައުމުގެ ތެރެއިން 9 ޤައުމެއް އޮތީ ދާޚިލީ ހަމަނުޖެހުންތަކުގައި ޖެހިފައެވެ. އުމްރާނީ ވަޞީލަތްތައް ސުންނާފަތިވެ، މާލީ ދަތިކަން ބޮޑުވެފައިވާ ދަނޑިވަޅެއްގައި މި ހަނގުރާމައިގެ ސަބަބުން، އިޤްތިޞާދު ސިންދަފާތުކުރުމަށް ކުރަމުންދާ މަސައްކަތްތަކަށް އިޢާދަނުކުރެވޭ ފަދަ ބޮޑެތި ހުރަސްތަކެއް އެޅިގެންދާނެއެވެ. މި ޙާލަތުން އަރައިގަތުމަށްޓަކައި، ކަނޑުދަތުރުފަތުރުގެ މިނިވަންކަން ކަށަވަރުކުރުމާއި، ހަނގުރާމަ ފުޅާވިޔަނުދީ ހިފެހެއްޓުމާއި، ސަރަޙައްދީ ފެންވަރުގައި ކާރިސާތަކަށް ތައްޔާރުވެފައި ތިބުން ވަރުގަދަކުރުމަށް އޭނާ ގޮވާލެއްވިއެވެ.
ކޮމެންޓު ފޮނުވާ