ސައްހަ ނޫން ލިޔެކިޔުންތަކެއް ބޭނުންކޮށްގެން ދައުލަތުގެ އެކި އިދާރާތަކުން ޖުމުލަ 410 މިލިއަން ރުފިޔާ ހޯދަން ސެންޓާ އެންޓަޕްރައިސަސް ޕްރައިވެޓް ލިމިޓެޑުން މަސައްކަތްކުރަމުންދާ ކަމަށް ބުނެ، އެ މައްސަލައިގެ ޖިނާއީ ތަހުގީގެއް ހިންގުމަށް އޮޑިޓާ ޖެނެރަލްގެ އޮފީހުން މިއަދު އަންގައިފި އެވެ.
އޮޑިޓާ ޖެނެރަލްގެ އޮފީހުން މިއަދު ނެރުނު ހާއްސަ އޮޑިޓް ރިޕޯޓުގައި ބުނެފައިވަނީ، 2006 އިން 2010 އަށް ދައުލަތުގެ އެކި އިދާރާތަކަށް މުދަލާއި ހިދުމަތް ފޯރުކޮށްދިން ކަމަށް ބުނެ، 2020 ވަނަ އަހަރުން ފެށިގެން ސެންޓާއިން 6 މައްސަލައެއް ދައުލަތާ ދެކޮޅަށް ހުށަހަޅާފައިވާ ކަމަށެވެ. މި މައްސަލަތަކުގައި ހިމެނެނީ މުދަލުގެ އަގާއި، ފައިސާ ނުދައްކައިގެން އަރާފައިވާ ކަމަށް ބުނާ ބޮޑެތި ޖޫރިމަނާތަކެވެ.
މީގެ ތެރެއިން އެންމެ ބޮޑު އަދަދެއް ހޯދުމަށް ސެންޓާއިން ހުށަހަޅާފައިވަނީ ކުރީގެ މާލޭ މުނިސިޕަލްޓީއާ ދެކޮޅަށެވެ. 2006 އިން 2010 އަށް އެ ތަނަށް އެކި މުދަލާއި ހިދުމަތް ފޯރުކޮށްދިން ކަމަށް ބުނެ 168.81 މިލިއަން ރުފިޔާ ހޯދުމަށް އެ ކުންފުނިން ދަނީ މަސައްކަތްކުރަމުންނެވެ. ދެން އެންމެ ބޮޑު ދެ ދައުވާ ވެސް ކޮށްފައިވަނީ ޑިޕާޓްމަންޓް އޮފް މެޑިކަލް ސާވިސަސް (ޑީއެމްއެސް) އާ ދެކޮޅަށެވެ. 2006 ވަނަ އަހަރު ފޯރުކޮށްދިން ކަމަށް ބުނާ މެޑިކަލް އިކުއިޕްމަންޓަށް 83.94 މިލިއަން ރުފިޔާ، އަދި 2008 ވަނަ އަހަރު ފޯރުކޮށްދިން ކަމަށް ބުނާ މެޑިކަލް އިކުއިޕްމަންޓަށް 79.40 މިލިއަން ރުފިޔާ ހޯދުމަށް ސެންޓާއިން ވަނީ ހުށަހަޅާފައެވެ. މި ތަނުން 2008 ވަނަ އަހަރު ފޯރުކޮށްދިން ކަމަށް ބުނާ އިކުއިޕްމަންޓަށް ދައުވާ ކޮށްފައިވަނީ ސީދާ ލިޔެކިޔުންތައް އުފައްދައިގެން ކަމަށް އޮޑިޓް އޮފީހުން ތުހުމަތުކުރެ އެވެ. މީގެ އިތުރުން، 2008 ވަނަ އަހަރު ޑީއެމްއެސް އަށް 900 ބޯފެން ރައްކާކުރާ ކަޅުހަން ސަޕްލައިކުރި ކަމަށް ބުނެ 25.33 މިލިއަން ރުފިޔާ ހޯދުމަށްވެސް ދައުވާ ކޮށްފައިވެ އެވެ.
މީގެ ތެރެއިން ފާހަގަކޮށްލެވޭ އަނެއް ދައުވާއަކީ މިނިސްޓްރީ އޮފް އެންވަޔަރަންމަންޓާ ދެކޮޅަށް ކޮށްފައިވާ ދައުވާ އެވެ. 2007 އިން 2009 އަށް އެ މިނިސްޓްރީއަށް ޖުމުލަ 3،627 ބޯފެން ރައްކާކުރާ ކަޅުހަން ސަޕްލައިކުރި ކަމަށް ބުނެ، އެ މުދަލުގެ އަގާއި ޖޫރިމަނާ ހޯދުމަށް ސެންޓާއިން ދަނީ މަސައްކަތްކުރަމުންނެވެ.
އެ ކުންފުނިން ދައުވާކޮށްފައިވާ ފަރާތްތަކުގެ ތެރޭގައި ދައުލަތުގެ ކުންފުނި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމް.އޭ.ސީ.އެލް) ވެސް ހިމެނެ އެވެ. 2008 ވަނަ އަހަރު އެ ކުންފުންޏަށް ސަޕްލައިކުރި ފަޔަރޓްރަކަކަށް 20.92 މިލިއަން ރުފިޔާ ހޯދުމަށް ސެންޓާއިން މަސައްކަތްކުރި ނަމަވެސް، މި ފައިސާއަކީ ކުރިން ދައްކާ ހަލާސްކޮށްފައިވާ ފައިސާއެއް ކަން ސިވިލް ކޯޓުގެ ހުކުމަކުން ސާބިތުވެފައިވާ ކަމަށް އޮޑިޓް ރިޕޯޓުގައި ބުނެފައިވެ އެވެ.
ސެންޓާއިން ހުށަހަޅާފައިވާ ގިނަ ލިޔެކިޔުންތަކަކީ ސައްހަ ނޫން ލިޔެކިޔުންތަކެއް ކަމަށް ބެލެވޭ ކަމަށާއި، ދައުލަތުގެ އިދާރާތަކަށް ފޯރުކޮށްދީފައި ނުވާ މުދަލުގެ އަގު ހޯދުމަށާއި، ކުރިން ފައިސާ ދައްކާފައިވާ މުދަލަށް އަލުން ފައިސާ ހޯދުމަށް އެ ކުންފުނިން މަސައްކަތްކުރަމުންދާ ކަމަށް އޮޑިޓް އޮފީހުން ތުހުމަތުކުރެ އެވެ.
މި މައްސަލައިގެ ސީރިއަސްކަމަށް ރިއާޔަތްކޮށް، ސެންޓާއިން ހުށަހެޅި ލިޔެކިޔުންތަކުގެ ފޮރެންސިކް އެނަލިސިސްއެއް ހެދުމަށާއި، މި ޖަރީމާގައި ޝާމިލުވާ ހުރިހާ ފަރާތްތަކަކާ މެދު ފިޔަވަޅު އެޅުމަށްޓަކައި ފުރިހަމަ ޖިނާއީ ތަހުގީގެއް ހިންގުމަށް ކަމާބެހޭ އިދާރާތަކަށް އޮޑިޓާ ޖެނެރަލް ވަނީ އަންގާފައެވެ.
ކޮމެންޓު ފޮނުވާ