ދިވެހިރާއްޖެއާއި ފެޑެރަލް ޑިމޮކްރެޓިކް ރިޕަބްލިކް އޮފް އިތިއޯޕިއާއާ ދެމެދު ސީދާ ވައިގެ ދަތުރުފަތުރު ފެށުމުގެ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފިއެވެ.
މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް ސިވިލް އޭވިއޭޝަންގައި ބޭއްވި ރަސްމިއްޔާތުގައި މި އެއްބަސްވުމުގެ އިތުރުން، ދެ ގައުމުގެ ދެމެދު ވައިގެ ދަތުރުފަތުރުގެ ދާއިރާއިން ގުޅުން ބަދަހިކުރުމުގެ ފަހުމުނާމާއެއްގައި ވެސް ވަނީ ސޮއިކޮށްފައެވެ. ރާއްޖޭގެ ފަރާތުން މި ދެ ލިޔުމުގައި ސޮއިކުރެއްވީ މިނިސްޓަރ އޮފް ޓޫރިޒަމް އެންޑް ސިވިލް އޭވިއޭޝަން މުހައްމަދު އަމީނެވެ. އިތިއޯޕިއާގެ ފަރާތުން ސޮއިކުރެއްވީ އެ ގައުމުގެ ސިވިލް އޭވިއޭޝަން އޮތޯރިޓީގެ ޑިރެކްޓަރ ޖެނެރަލް ޔޮއާނަސް އަބޭރާ ބެލެޓޭއެވެ.
ސޮއިކުރެއްވުމަށްފަހު ވާހަކަދައްކަވަމުން މިނިސްޓަރ އަމީން ވިދާޅުވީ، ވައިގެ ދަތުރުފަތުރުގެ މިފަދަ އެއްބަސްވުމެއް ރާއްޖެއިން އިތިއޯޕިއާއާއެކު ގާއިމުކުރެވުމާއެކު، އެފްރިކާ ބައްރުގެ ގައުމުތަކުގެ ތެރެއިން މިފަދަ އެއްބަސްވުމެއް ރާއްޖެއިން ގާއިމުކުރި 6 ވަނަ ގައުމަކަށް އިތިއޯޕިއާ ވެގެންދާ ކަމަށެވެ. މީގެ ކުރިން މިސްރު، މޮރިޝަސް، ރުވާންޑާ، ސީޝެލްސް އަދި ސައުތު އެފްރިކާއާއެކު ރާއްޖެއިން މިފަދަ އެއްބަސްވުންތައް ގާއިމުކޮށްފައިވާ ކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.
މިނިސްޓަރ ވިދާޅުވި ގޮތުގައި، މި އެއްބަސްވުން ގާއިމުކުރެވިފައި މިވަނީ އިތިއޯޕިއާގެ ގައުމީ އެއަރލައިން "އިތިއޯޕިއަން އެއަރލައިންސް" އިން އެޑިސް އަބާބާއިން ރާއްޖެއަށް ސީދާ ދަތުރުތައް ފެށުމުގެ ޝައުގުވެރިކަން ފާޅުކޮށްފައިވާ ދަނޑިވަޅެއްގައެވެ. އިތިއޯޕިއާއަކީ އެފްރިކާ ބައްރުގައި އެންމެ ހަލުވިކަމާއެކު އިގްތިސާދު ކުރިއަރަމުން އަންނަ އެއް ގައުމު ކަމަށާއި، "އިތިއޯޕިއަން އެއަރލައިންސް" އަކީ ވެސް އެފްރިކާ ބައްރުގެ އެންމެ ބޮޑު އަދި އެންމެ ފުޅާ ވިއުގައެއް ގާއިމުކޮށްފައިވާ އެއަރލައިން ކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.
މި އެއްބަސްވުމުގެ ދަށުން ދެ ގައުމުގެ އެއަރލައިންތަކުގެ މެދުގައި ޝެޑިއުލް ސީދާ ދަތުރުތައް ފެށުމުގެ މަގު ފަހިވެގެންދާނެއެވެ. އަދި ރާއްޖޭގެ ގައުމީ އެއަރލައިން "މޯލްޑިވިއަން" އަށް ވެސް އިތިއޯޕިއާއަށް ދަތުރުތައް ފެށުމުގެ ފުރުސަތު މީގެ ސަބަބުން ފަހިވެގެންދާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސިޔާސަތުގެ ދަށުން، ރާއްޖޭގެ އިގުތިސާދީ ފުދުންތެރިކަން އިތުރުކުރުމަށްޓަކައި މުޅި ދުނިޔެއާ ރާއްޖެ ގުޅާލުމަށް ކުރެވޭ މަސައްކަތުގެ މުހިންމު ބައެއް ކަން ފާހަގަކުރައްވައި މިނިސްޓަރ ވިދާޅުވީ، މީގެ ސަބަބުން ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު އިތުރުވެ، ވިޔަފާރީގެ އައު ފުރުސަތުތައް ހުޅުވިގެންދާނެ ކަމަށެވެ. މި އެއްބަސްވުމުގެ ފައިދާ އެންމެ ފުރިހަމަ ގޮތުގައި ހޯދުމަށް ފަތުރުވެރިކަމުގެ ސިނާއަތާއި ވިޔަފާރިވެރިންނަށް މިނިސްޓަރ ވަނީ އިލްތިމާސް ކުރައްވާފައެވެ.
ކޮމެންޓު ފޮނުވާ