ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ރައީސްކަމަށް، އެ މަގާމު ކުރިންވެސް ފުރުއްވި މ. ރަންދޫވިލާ އަމްޖަދު މުސްތަފާ ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު އައްޔަންކުރައްވައިފި އެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އަމްޖަދަށް މަގާމުގެ ލިޔުން ހަވާލުކޮށްދެއްވީ ރައީސް މުއިއްޒެވެ. މަގާމުގެ ހުވާ އޭނާ ލައިދެއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ހަމީދުގެ ކުރިފުޅުމަތީގަ އެވެ.
އަމްޖަދު މި މަގާމަށް އައްޔަންކުރެއްވިއިރު، މި ސަރުކާރުގައި މިދިޔަ އަހަރުގެ ފެބްރުއަރީ މަހުން ފެށިގެން އޭނާ ހުންނެވީ ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) ގެ ޗީފް އެޑްމިނިސްޓްރޭޓަރުގެ މަގާމުގަ އެވެ. އެ މަގާމުން އޭނާ އިސްތިއުފާ ދެއްވީ މިދިޔަ އެޕްރީލް މަހުގަ އެވެ.
ޓްރައިބިއުނަލްގެ ރައީސްކަން މީގެ ކުރިންވެސް ފުރުއްވާފައިވާ އަމްޖަދަކީ އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސްކަމާއި، މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްޓީޑީސީ) ގެ ޑިރެކްޓަރުންގެ ބޯޑުގައި ވެސް މަސައްކަތްކުރައްވާފައިވާ ބޭފުޅެކެވެ. މީގެ އިތުރުން މިނިމަމް ވޭޖް އެޑްވައިޒަރީ ބޯޑުގެ މެންބަރުކަން ވެސް އޭނާ ވަނީ ކުރައްވައިފަ އެވެ.
ތައުލީމީ ގޮތުން ބަލާއިރު، އަމްޖަދު ވަނީ ޝަރީއާ އެންޑް ލޯ އިން ބެޗްލަރސް ޑިގްރީއެއް ހާސިލްކުރައްވައި، މާސްޓަރ އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން (އެމްބީއޭ) ވެސް ފުރިހަމަކުރައްވައިފަ އެވެ. އެއާއެކު އޭނާއަކީ ގާނޫނީ ދާއިރާއިންނާއި، އާންމު ހިންގުމުގެ ދާއިރާއިން ދިގު ތަޖުރިބާ ލިބިވަޑައިގެންފައިވާ ބޭފުޅެއް ކަން ފާހަގަކޮށްލެވެ އެވެ.
ކޮމެންޓު ފޮނުވާ