މާލޭގެ ބޮޑުތަކުރުފާނު މަގު ތަރައްގީކުރުމުގެ މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގައި ހިމެނޭ ކޭބަލް އެޅުމުގެ ހުރިހާ މަސައްކަތެއް އެއްކޮށް ނިންމާލައިފިއެވެ.
މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނީ، ބޮޑުތަކުރުފާނު މަގުގެ އުތުރު ފަރާތް ތަރައްގީކުރުމުގެ މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގައި ކުރިއަށްގެންދިޔަ ކޭބަލް އެޅުމުގެ މަސައްކަތްތައް މިހާރު ފުރިހަމަކުރެވިފައިވާ ކަމަށެވެ.
އެ ކުންފުނިން ފާހަގަކުރި ގޮތުގައި، މަޝްރޫއުގެ މަސައްކަތްތައް ކުރިއަށްދަނީ ބާރު ސްޕީޑެއްގައި ކަމަށާއި، މިވަގުތު ސަމާލުކަން ދެވިފައިވަނީ ދެވަނަ އަދި ތިންވަނަ ސެގްމަންޓުގެ މަސައްކަތްތަކަށެވެ. އެގޮތުން، މި ދެ ސެގްމަންޓުގައި ޕާކިން ޒޯންތައް ގާއިމުކުރުމާއި ދުވާރުގައި ގާ އެތުރުމުގެ މަސައްކަތްތައް ވަރަށް ހަލުވިކޮށް ކުރިއަށްދާ ކަމަށް އެމްޓީސީސީން ބުނެއެވެ.
މީގެ އިތުރުން، ސެގްމަންޓް 2 އަދި 3 ގައި މަގުމަތީގެ ނިޝާންތައް ކުރެހުމާއި ޖަންކްޝަންތައް އުސްކުރުމުގެ މަސައްކަތްވެސް މިހާރު ފެށިފައިވާއިރު، ކުރިއަށް އޮތް ހަފުތާ ތެރޭގައި މި މަސައްކަތްތައް އެއްކޮށް ނިންމާލެވޭނެ ކަމުގެ ޔަގީންކަން އެ ކުންފުނިން ވަނީ ދީފައެވެ.
ވެރިރަށުގެ މަގުތަކުގެ ފެންވަރު ރަނގަޅުކޮށް، ރައްޔިތުންނަށް ދަތުރުފަތުރުގައި ލުއިފަސޭހަކަން ހޯދައިދިނުމުގެ މަގުސަދުގައި ހިންގާ މި މުހިންމު މަޝްރޫއު މިހާރު ވަނީ ނިމުމަކާ ގާތްވެފައެވެ.
ކޮމެންޓު ފޮނުވާ