ރަށްދެބައިމަގުގައި ދުއްވާފައިދިޔަ ސައިކަލެއް ކޮންޓްރޯލުން ނެއްޓިގެން ރޭ ދަންވަރު ބޮޑު އެކްސިޑެންޓެއް ހިނގައި، ސައިކަލު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
ދަންވަރު 00:15 ހާއިރު ފުލުހުންނަށް ރިޕޯޓް ލިބުނު މި ހާދިސާގައި، ކޮންޓްރޯލުން ނެއްޓިގެންދިޔަ ސައިކަލު ފުރަތަމަ ޖެހުނީ ޕާކްކޮށްފައި ހުރި ސައިކަލްތަކެއްގައި ކަމަށާއި، އެއަށްފަހު ގޮސް ގުދަނެއްގެ ދޮރުގައިވެސް ޖެހުނުކަމަށް ފުލުހުން ބުނެއެވެ. ތޫނު ބާރު މިނުގައި ހިނގި މި އެކްސިޑެންޓުގައި ސައިކަލު ދުއްވަން އިން މީހާއަށް އަނިޔާތަކެއް ލިބިގެން ފަރުވާދިނުމަށް ވަނީ އައި.ޖީ.އެމް ހޮސްޕިޓަލަށް ގެންގޮސްފައެވެ. ނަމަވެސް، އޭނާއަށް ލިބުނު އަނިޔާތަކުގެ ތަފްސީލެއް އަދި ހާމަކޮށްފައެއް ނުވެއެވެ.
މީގެ އިތުރުން، މި ހާދިސާގައި ޕާކްކޮށްފައި ހުރި ދެ ސައިކަލަކަށާއި ގުދަނުގެ ދޮރަށްވެސް އެކިވަރުގެ ގެއްލުންތައް ލިބިފައިވާކަމަށް ފުލުހުން މައުލޫމާތު ދެއެވެ. ހާދިސާ ހިނގި ސައިކަލު ފުލުހުންގެ ބެލުމުގެ ދަށަށް ޓޯކޮށްފައިވާއިރު، މި މައްސަލަ ބަލަމުން އަންނަކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.
ކޮމެންޓު ފޮނުވާ