އިނގިރޭސިވިލާތުގެ ބޮޑުވަޒީރުކަމުގެ މަގާމަށް ލޭބަރ ޕާޓީގެ އައު ލީޑަރު އެންޑީ ބާންހަމް ހޯމަ ދުވަހު ހަވާލުވެވަޑައިގަންނަވާނެ އެވެ. މިއީ ފާއިތުވި 10 އަހަރު ދުވަހުގެ ތެރޭގައި އެ ގައުމުގެ ބޮޑުވަޒީރުކަން ކުރައްވާ ހަތްވަނަ ބޭފުޅާ އެވެ.
ސަރ ކިއަރ ސްޓާމަރގެ ބަދަލުގައި ލޭބަރ ޕާޓީގެ ލީޑަރުކަމަށް ބާންހަމް އިންތިޚާބުވެވަޑައިގަތީ ހުކުރު ދުވަހު އެވެ. ނަމަވެސް ބޮޑުވަޒީރުކަމުގެ ހުވާ ކުރައްވާނީ ތިން ދުވަސް ފަހުން، އަންނަ ހޯމަ ދުވަހު އެވެ. ބަކިންހަމް ޕެލަސްގައި ސްޓާމަރ ރަސްގެފާނު ޗާލްސްއަށް އިސްތިއުފާގެ ސިޓީ އެރުވުމަށްފަހު، ބާންހަމްއާ ރަސްގެފާނު ބައްދަލުކުރައްވައި، އައު ސަރުކާރެއް އެކުލަވައިލުމަށް ދައުވަތު އަރުވާނެ އެވެ. އެއަށްފަހު ބޮޑުވަޒީރުގެ ރަސްމީ ގެކޮޅު ކަމަށްވާ 10 ޑައުނިންގް ސްޓްރީޓަށް ވަޑައިގެން ގައުމާ މުޚާތަބު ކުރައްވާނެ ކަމަށް ބެލެވެ އެވެ.
ދެ އަހަރު ކުރިން ބޭއްވި އާންމު އިންތިޚާބުގައި ސްޓާމަރ ބޮޑު ކާމިޔާބީއެއް ހޯއްދެވި ނަމަވެސް، ސިޔާސަތުތަކަށް ގެންނެވި ބަދަލުތަކާއި ހެދިވަޑައިގެންނެވި ގޯސްތަކުގެ ސަބަބުން މަދު ހަފުތާތަކެއްގެ ތެރޭގައި އާންމުންގެ ތާއީދު ގެއްލެން ފެށި އެވެ. ސްޓާމަރއަށް ލޭބަރ ޕާޓީގެ އިތުބާރު މުޅިން ގެއްލުނީ، މިދިޔަ މޭ މަހު ބޭއްވި ލޯކަލް ކައުންސިލް އިންތިޚާބުގައި ކަނާތު ފިޔައިގެ ރިފޯމް ޔޫކޭ ޕާޓީން ބޮޑު ކާމިޔާބީއެއް ހޯދުމާ ގުޅިގެންނެވެ. މިއާއެކު، ކުރިއަށް އޮތް އާންމު އިންތިޚާބު ރިފޯމް ޕާޓީގެ ލީޑަރު ނައިޖެލް ފަރާޖް ކާމިޔާބު ކުރައްވައިފާނެ ކަމުގެ ބިރު ލޭބަރ ޕާޓީގެ މެންބަރުންގެ މެދުގައި އުފެދުނެވެ.
ލޭބަރ ޕާޓީގެ ލީޑަރުކަމަށް ވަޑައިގަތުމުގެ އުންމީދު ބާންހަމް ގިނަ ދުވަސްތަކެއް ވަންދެން ކުރައްވަމުން ގެންދެވި ނަމަވެސް، އެ މަގާމަށް ވާދަކުރެއްވެން އޮތީ ޕާލަމަންޓު މެންބަރަކަށްވެގެން ކަމަށްވާތީ މަޑުކުރައްވައިގެން ހުންނެވީ އެވެ. މީގެ މަހެއްހާ ދުވަސް ކުރިން ބޭއްވި ބައި-އިލެކްޝަނެއްގައި ރިފޯމް ޕާޓީގެ ކެންޑިޑޭޓުގެ މައްޗަށް ކާމިޔާބީ ހޯއްދަވައި އަލުން ޕާލަމަންޓަށް ވަޑައިގަތެވެ. ކުރީގެ ހެލްތު ސެކްރެޓަރީ ސްޓްރީޓިންގ ފަދަ ޕާޓީގެ އިސް ބޭފުޅުންވެސް އަމިއްލަ އުންމީދުތައް ދޫކޮށްލައްވައި ބާންހަމްއަށް ތާއީދު ކުރެއްވުމުން، އެއްވެސް ވާދަވެރިކަމެއް ނެތި ލީޑަރުކަން އޭނާއަށް ލިބިވަޑައިގަތެވެ.
އިނގިރޭސިވިލާތުގައި ބޮޑުވަޒީރު އިންތިޚާބު ކުރަނީ ރައްޔިތުންގެ ސީދާ ވޯޓަކުން ނޫނެވެ. އެ މަގާމު ލިބޭނީ ހައުސް އޮފް ކޮމަންސްގައި އެންމެ ގިނަ ގޮނޑި ކާމިޔާބުކުރާ ޕާޓީގެ ލީޑަރަށެވެ. މީގެ މާނައަކީ، އާންމު އިންތިޚާބަކާ ނުލައި ބޮޑުވަޒީރު ބަދަލުކުރެވިދާނެ ކަމެވެ. ބޮޑުވަޒީރުކަމާ ހަވާލުވެވަޑައިގަތުމަށްފަހު އިންތިޚާބެއް އިއުލާނު ކުރެއްވުމުގެ އިޚުތިޔާރު ބާންހަމްއަށް އޮތް ނަމަވެސް، އެކަން ކުރައްވާނެ ކަމަކަށް ނުބެލެވެ އެވެ.
ސިޔާސަތުތަކާ ބެހޭގޮތުން ބާންހަމް ވިދާޅުވެފައިވަނީ 2024 ވަނަ އަހަރު ލޭބަރ ޕާޓީން އިންތިޚާބު ކާމިޔާބުކުރި ސިޔާސަތުތަކުގައި ދެމިހުންނަވާނެ ކަމަށެވެ. ޚާއްޞަކޮށް އިންކަމް ޓެކްސް، ވީ.އޭ.ޓީ އަދި ނޭޝަނަލް އިންޝުއަރެންސްގެ ރޭޓުތައް ބޮޑުނުކުރައްވާނެ ކަމަށް ވަނީ ވިދާޅުވެފަ އެވެ. އޭނާގެ އެންމެ ބޮޑު އިސްކަމަކީ ޕާލަމަންޓަށް އޮންނަ ބައެއް ބާރުތައް ކައުންސިލްތަކާއި ލޯކަލް އޮތޯރިޓީތަކަށް ދޫކޮށްލެއްވުމެވެ. މީގެ ތެރޭގައި ބޯހިޔާވަހިކަމާއި ދަތުރުފަތުރުގެ ދާއިރާއިން އެ ފަރާތްތަކަށް މިހާރަށްވުރެ ބޮޑު ބާރެއް ދިނުން ހިމެނެ އެވެ. މީގެ އިތުރުން، ލަންޑަނާ 150 މޭލު އުތުރުގައި އޮންނަ މެންޗެސްޓަރގައި ބޮޑުވަޒީރުގެ އޮފީހުގެ ޓީމެއް ގާއިމުކުރައްވަން އޭނާ ބޭނުންފުޅުވެ އެވެ. މުއްސަނދިންގެ އަތުން ޓެކްސް ނަގާ "ވެލްތު ޓެކްސް" އެއް ތަޢާރަފުކުރެއްވުމުގެ ފުރުޞަތު އޮތްކަމަށްވެސް އޭނާ ވަނީ އިޝާރާތް ކުރައްވާފަ އެވެ.
އައު ކެބިނެޓް އެކުލަވައިލުމުގެ މަސައްކަތް ބާންހަމް ކުރައްވަމުން ގެންދަވަނީ ވަރަށް ސިއްރުވެރި ގޮތަކަށެވެ. މިހާތަނަށް އައުމާ ހަމައަށް ހަމައެކަނި ކަށަވަރުވެފައި ވަނީ ގާތް އެކުވެރިއެއް ކަމަށްވާ ޖޭމްސް ޕާނެލް ޗީފް އޮފް ސްޓާފްގެ މަގާމަށް އައްޔަން ކުރައްވާފައިވާ ކަމެވެ. ބާންހަމްގެ ކެމްޕޭންގައި އިސްކޮށް އުޅުއްވި ކުރީގެ ޓްރާންސްޕޯޓް ސެކްރެޓަރީ ލޫއީ ހޭގްއަށްވެސް ސަރުކާރުގެ މުހިންމު މަގާމެއް ލިބިވަޑައިގަންނަވާނެ ކަމަށް ބެލެވެ އެވެ. ރޭޗަލް ރީވްސްގެ ބަދަލުގައި ޗާންސެލަރ ކަމަށް އައްޔަން ކުރައްވާނީ ކޮން ބޭފުޅެއްތޯ ބެލުމަށް އެންމެ ބޮޑު ސަމާލުކަމެއް ހުއްޓިފައިވާއިރު، މިހާރު އެ މަގާމަށް އެންމެ ކުރީގައި އުޅުއްވަނީ ހޯމް ސެކްރެޓަރީ ޝަބާނާ މަޙްމޫދެވެ. ކުރިން ބެލެވިފައި އޮތީ އެ މަގާމަށް އެންމެ އެކަށީގެންވަނީ އެނާޖީ ސެކްރެޓަރީ އެޑް މިލިބޭންޑް ކަމަށެވެ.
1970 ވަނަ އަހަރު ލިވަޕޫލްގައި އުފަންވި ބާންހަމް ބޮޑުވެވަޑައިގަތީ ޗެޝަޔަރގަ އެވެ. އޭނާއަކީ އެވަޓަން ފުޓްބޯޅަ ކްލަބުގެ ބޮޑު ސަޕޯޓަރެކެވެ. ކެމްބްރިޖް ޔުނިވަރސިޓީގެ ފިޓްޒްވިލިއަމް ކޮލެޖުން އިނގިރޭސި ބަހުން މަތީ ތަޢުލީމު ހާސިލުކުރެއްވުމަށްފަހު ފުރަތަމަ މަސައްކަތް ކުރެއްވީ ނޫސްވެރިކަމުގެ ދާއިރާގަ އެވެ. ފުރަތަމަ ޕާލަމަންޓަށް އިންތިޚާބުވެވަޑައިގަތީ 2001 ވަނަ އަހަރު އެވެ. ކުރީގެ ބޮޑުވަޒީރު ގޯޑަން ބްރައުންގެ ސަރުކާރުގައި ކެބިނެޓް މަގާމުތައް ފުރުއްވުމަށްފަހު، ދެ ފަހަރެއްގެ މަތިން ލޭބަރ ޕާޓީގެ ލީޑަރުކަމަށް ވާދަކުރެއްވި ނަމަވެސް ނާކާމިޔާބުވެވަޑައިގަތެވެ. 2017 ވަނަ އަހަރު ޕާލަމަންޓް މެންބަރުކަމުން އިސްތިއުފާ ދެއްވުމަށްފަހު ގްރޭޓަރ މެންޗެސްޓަރގެ މޭޔަރުކަން މިދިޔަ މަހާ ހަމައަށް ކުރެއްވި އެވެ. އެ ސަރަހައްދުގެ ދަތުރުފަތުރުގެ ނިޒާމު ބަދަލުކޮށްލެއްވުމަށް ކުރެއްވި މަސައްކަތަށް ގިނަ ތައުރީފު ލިބުނު އިރު، އިނގިރޭސިވިލާތުގެ އުތުރުގެ ސަރަހައްދުތަކުގެ އަޑު އުފުއްލަވާ ވަރުގަދަ ޝަޚުޞިއްޔަތެއްގެ ގޮތުގައި މަޝްހޫރުވެވަޑައިގަތެވެ.
އަނބިކަނބަލުން މޭރީ-ފްރާންސް ވެން ހީލްއާ ބާންހަމް ބައްދަލުވެވަޑައިގަތީ 1989 ވަނަ އަހަރު ކެމްބްރިޖް ޔުނިވަރސިޓީގައި ކިޔަވަން އުޅުއްވި ދުވަސްވަރު އެވެ. ކައިވެނި ބައްލަވައިގަތީ 2000 ގެ ކުރީކޮޅު އެވެ. ވެން ހީލްއަކީ މާކެޓިންގ އަދި ސްޓްރެޓެޖީގެ ދާއިރާގައި ސްކައި ކުންފުނީގައި މަސައްކަތް ކުރައްވާފައިވާ ބޭފުޅެއް ކަމަށްވާއިރު، ބީ.ބީ.ސީ އަދި އިންގްލެންޑް ރަގްބީގެ ލޯގޯ ފަރުމާކުރެއްވުމުގައިވެސް އޭނާ ވަނީ ބައިވެރިވެވަޑައިގެންފަ އެވެ. މި ދެ ބޭފުޅުންގެ ތިން ބޭފުޅުން ތިއްބަވަ އެވެ. އެއީ ޖިމީ، ރޯޒީ އަދި އެނީ އެވެ.
ބާންހަމް ވެރިކަމަށް ވަޑައިގަތުމާ ގުޅޭގޮތުން ބައިނަލްއަގުވާމީ ލީޑަރުންގެ ފަރާތުން މާ ބޮޑު ބަހެއް ލިބިފައި ނުވެ އެވެ. އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބާންހަމް ސިފަކުރެއްވީ "އިންތިހާއަށް ލިބަރަލް" ބޭފުޅެއްގެ ގޮތުގަ އެވެ. ރަޝިޔާއިން ބުނެފައި ވަނީ، އައު ބޮޑުވަޒީރެއް އައި ނަމަވެސް ދެ ގައުމުގެ ގޯސް ގުޅުމަށް ބަދަލެއް އަންނާނެ ކަމަށް އުންމީދު ނުކުރާ ކަމަށެވެ. ޔޫކްރެއިނުން ވަނީ އިނގިރޭސިވިލާތުގެ ސިޔާސީ ހަމަޖެހުން ގެއްލިދާނެތީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. ނަމަވެސް އިނގިރޭސިވިލާތުގެ އެހީތެރިކަމަށް ބަދަލެއް ނާންނާނެ ކަމަށް ސްޓާމަރ ވަނީ ޔަޤީންކަން ދެއްވާފަ އެވެ. ފަރަންސޭސިވިލާތުގެ ފޮރިން މިނިސްޓަރު ޜޯން-ނޮއެލް ބަރޯ ވަނީ ބާންހަމްއަށް ކާމިޔާބީއަށް އެދިވަޑައިގެންފަ އެވެ.
ކޮމެންޓު ފޮނުވާ