182 ދުވަހުގެ ޓީބިލް ނުހިމަނާ، 1.2 ބިލިއަން ރުފިޔާ ހޯދަން ހުޅުވާލައިފި

182 ދުވަހުގެ ޓީބިލް ނުހިމަނާ، 1.2 ބިލިއަން ރުފިޔާ ހޯދަން ހުޅުވާލައިފި

Author
އަހުމަދު
16 ޖުލައި 2026 09:13
0

ބަޖެޓަށް ފައިސާ ހޯދުމަށް ފިނޭންސް މިނިސްޓްރީން މި ހަފުތާގައި 1.2 ބިލިއަން ރުފިޔާގެ ޓްރެޝަރީ ބިލް (ޓީބިލް) ވިއްކަން ހުޅުވާލައިފި އެވެ.

ސަރުކާރުން ކޮންމެ ހަފުތާއަކު ހިންގާ މި ހަރަކާތުގެ ދަށުން މި ފަހަރު ޖުމްލަ 1,220,674,000 ރުފިޔާ މާކެޓުން ހޯދުމަށް އަމާޒު ހިފާފައިވާއިރު، ފާހަގަކޮށްލެވޭ ކަމަކީ 182 ދުވަހުގެ މުއްދަތުން އަދާކުރަން ޖެހޭ ޓީބިލް މި ފަހަރު ނުހިމަނާ ދޫކޮށްލާފައި ވުމެވެ. އެ ޓީބިލްގެ އިންޓަރެސްޓް ރޭޓަކީ 4.23 އިންސައްތަ އަށްވާއިރު، މެޗިއުރިޓީ ތާރީޚަކީ 11 ޖަނަވަރީ 2027 އެވެ.

މި ފަހަރު ހުޅުވާލި ޓީބިލްތަކުގެ ތެރެއިން އެންމެ ކުރު މުއްދަތުގެ ޓީބިލަކީ 28 ދުވަހުގެ ޓީބިލެވެ. 3.50 އިންސައްތައިގެ އިންޓަރެސްޓް ރޭޓުގައި ވިއްކާ މި ޓީބިލުން ހޯދަން ބޭނުންވަނީ 345 މިލިއަން ރުފިޔާ އެވެ. މިއީ 10 އޮގަސްޓް 2026 ގައި މެޗިއުވާ ޓީބިލެކެވެ. މީގެ އިތުރުން 98 ދުވަހުގެ މުއްދަތުން އަދާކުރަން ޖެހޭ ޓީބިލް 3.87 އިންސައްތައިގައި ވިއްކައި 169 މިލިއަން ރުފިޔާ ހޯދުމަށް ވަނީ ހުޅުވާލާފަ އެވެ. މި ޓީބިލްގެ މުއްދަތު ހަމަވާނީ 19 އޮގަސްޓް 2026 ގައެވެ.

އެންމެ ދިގު މުއްދަތުގެ ޓީބިލްގެ ގޮތުގައި ހުޅުވާލީ 364 ދުވަހުގެ ޓީބިލެވެ. 4.60 އިންސައްތައިގެ ރޭޓުގައި ވިއްކާ މި ޓީބިލުން 706.6 މިލިއަން ރުފިޔާ ހޯދުމަށް ހުޅުވާލާފައިވާއިރު، މުއްދަތު ހަމަވާނީ 12 ޖުލައި 2027 ގައެވެ.

ހަފުތާ ބަހަފުތާ ސަރުކާރުން ޓީބިލް ވިއްކަމުން ދާއިރު، މިވަގުތު ސަރުކާރުން ވިއްކާފައިވާ ސެކިއުރިޓީޒްގެ ޖުމްލަ އައުޓްސްޓޭންޑިން ބެލެންސް ވަނީ 97.4 ބިލިއަން ރުފިޔާއަށް އަރައިފަ އެވެ. މީގެ ތެރޭގައި ދިވެހި ރުފިޔާގެ ޓްރެޝަރީ ބިލްގެ ގޮތުގައި 44.6 ބިލިއަން ރުފިޔާ، ދިވެހި ރުފިޔާގެ ޓްރެޝަރީ ބޮންޑްގެ ގޮތުގައި 28.6 ބިލިއަން ރުފިޔާ އަދި ޑޮލަރު ޓްރެޝަރީ ބޮންޑްގެ ގޮތުގައި 13.2 ބިލިއަން ރުފިޔާ ހިމެނެ އެވެ. މީގެ އިތުރުން ދިވެހި ރުފިޔާއިން ވިއްކާފައިވާ އިސްލާމިކް އިންސްޓްރޫމަންޓްސްގެ 5.9 ބިލިއަން ރުފިޔާއާއި، އާރު.ޑީ.ސީ/ޔޫ.އެސް.ޑީ ޓްރެޝަރީ ބިލްގެ ގޮތުގައި 3.5 ބިލިއަން ރުފިޔާ ވެސް ހިމެނެ އެވެ.

ފިނޭންސް މިނިސްޓްރީގެ ފަހުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، ރާއްޖޭގެ ޖުމްލަ ދަރަނި މިވަގުތު ވަނީ 154.8 ބިލިއަން ރުފިޔާއަށް އަރައިފަ އެވެ. މިއީ ޤައުމީ އުފެއްދުންތެރިކަމުގެ ނިސްބަތުން ބަލާއިރު ޖީޑީޕީގެ 124.4 އިންސައްތަ އެވެ. މީގެ ތެރެއިން އެތެރޭގެ ދަރަނީގެ ޖުމްލަ އަކީ 92.1 ބިލިއަން ރުފިޔާ ކަމުގައި ވާއިރު، މިއީ ޖީޑީޕީގެ 74.0 އިންސައްތަ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.