ބޫޓެއްގެ ތެރޭގައި ޑްރަގް ފޮރުވައިގެން ރާއްޖެ އައި އިންޑިއާ މީހަކު، އެއީ އޭނާގެ ގައުމުގައި ހުއްދަ ބާވަތެއް ކަމަށާއި ރާއްޖޭގައި މަނާކަން ނޭނގޭ ކަމަށް ބުނެ ދިފާއުވެއްޖެ އެވެ.
މިދިޔަ މޭ މަހު ހައްޔަރުކުރި ސޫރަޖް ކަރުވާރު، 30، ގެ ލަގެޖު ބަލައި ފާސްކުރި އިރު، ދެ ޓެނިސް ބޫޓު ކިބައިގެ ތެރެއިން ފެނުނު ކޮތަޅުތަކެއްގައި ޑްރަގް ހުއްޓެވެ. އޭގެ ފަހުން ތަހުގީގުގެ ބޭނުމަށް އޭނާގެ ބަންދު ވަނީ އެކި ފަހަރު މަތިން އިތުރުކޮށްފަ އެވެ.
އޭނާގެ ބަންދު އިތުރުކުރަން އިއްޔެ ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ނެރުނު އަމުރުގައި ބުނެފައި ވަނީ، ފޮރުވައިގެން ގެނައި ޕެކެޓުތަކުގައި ހުރީ ފަތްޕިލާވެލީގެ ބާވަތެއް ކަމަށާއި، އެއީ އިންޑިއާގައި ހުއްދަ އެއްޗެއް ކަމަށް ސޫރަޖް ދިފާއުގައި ބުނާ ކަމަށެވެ. އަދި ރާއްޖޭގައި އެއީ މަނާ އެއްޗެއްކަން ވެސް ނޭނގޭ ކަމަށް އޭނާ ބުނާ ކަމަށް އެ އަމުރުގައި ވެ އެވެ.
ނަމަވެސް، މަނާ އެއްޗެއްކަން ނޭނގޭ ކަމަށް ބުނާއިރު، އެ ތަކެތި ބޫޓު ކިބައިގެ ތެރޭގައި ފޮރުވި ސަބަބެއް އޭނާ ހާމަކޮށްފައެއް ނުވެ އެވެ. މީގެ އިތުރުން، އޭނާގެ އަތުން ފެނުނު ޑްރަގްގެ ބާވަތާއި ބަރުދަން ވެސް އަމުރުގައި ބުނެފައެއް ނުވެ އެވެ. އެއީ ޑްރަގުގެ ބޮޑު މައްސަލައެއް ކަމަށް އަމުރުގައި ބުނެފައި ވިޔަސް، ސޫރަޖްގެ ދިފާއު ބަލައިނުގަނެ، ބަންދު އިއްޔެ ވަނީ އިތުރު 15 ދުވަހަށް ދިގުކޮށްފަ އެވެ.
މި ފަހަކަށް އައިސް ރާއްޖެއަށް ޑްރަގް އެތެރެކުރާ ބިދޭސީންގެ ތެރޭގައި އިންޑިއާ މީހުންގެ އަދަދު އަންނަނީ އިތުރުވަމުންނެވެ. މި މައްސަލަ ބޮޑުވުމުން، އިންޑިއާގެ ނާކޮޓިކްސް ކޮންޓްރޯލް ބިއުރޯ (އެންސީބީ) އިން ވަނީ ކަންބޮޑުވުން ފާޅުކޮށް، މިކަމާ ގުޅޭ ހާއްސަ އެޑްވައިޒަރީއެއް ވެސް ނެރެފަ އެވެ.
ކޮމެންޓު ފޮނުވާ