ބޮޑުތަކުރުފާނު މަގު ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން މިހާރު މަސައްކަތް ކުރަމުންދާ ސަރަހައްދުގައި ތާރު އެޅުމުގެ މަސައްކަތް މާދަމާ އެއްކޮށް ނިންމާލެވޭނެ ކަމަށް އެމްޓީސީސީން ބުނެފި އެވެ.
އެ ކުންފުނިން މިއަދު ބުނީ މަގުގެ ބާކީ އޮތް ބައިގައި ތާރު އެޅުމުގެ މަސައްކަތް މާދަމާ ނިންމާލުމަށް ތާވަލްކޮށްފައިވާ ކަމަށާއި، އެއާއެކު މުޅި މަޝްރޫއުގެ މަސައްކަތް ނިމުމާ ގާތްވެފައިވާ ކަމަށެވެ.
ބޮޑުތަކުރުފާނު މަގު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން މިހާރު މަސައްކަތް ކުރަމުން އަންނަނީ ހެންވޭރު ފެރީ ޓާމިނަލުން ފެށިގެން އިއްޒުއްދީން ފާލަމާ ހަމައަށް އޮތް ސަރަހައްދުގަ އެވެ. މި މަޝްރޫއުގެ މަސައްކަތް ފަށާފައި ވަނީ މިއަހަރުގެ މާރިޗު މަހުގެ 24 ވަނަ ދުވަހު އެވެ.
މި މަޝްރޫއުގެ ދަށުން ހެންވޭރު ފެރީ ޓާމިނަލުން ފެށިގެން ފޮރިން މިނިސްޓްރީއާ ހަމައަށް ތާރު އެޅުމުގެ މަސައްކަތް ވަނީ މިދިޔަ ބުދަ ދުވަހުގެ ރޭ ނިންމާލައިފަ އެވެ. އަދި ބާކީ އޮތް ބައިގައި ތާރު އެޅުމުގެ މަސައްކަތް މާދަމާ ނިންމާލުމާ އެކު، ސަރަހައްދު އެއްކޮށް އަންނަ މަހުގެ 26 ވަނަ ދުވަހަށް ހުޅުވާލުމަށް އެމްޓީސީސީން އަންނަނީ މަސައްކަތް ކުރަމުންނެވެ.
މީގެ އިތުރުން، ބޮޑުތަކުރުފާނު މަގު ފުޅާކުރުމުގެ މަޝްރޫއުގެ ތެރެއިން ބީއެމްއެލްގެ ހެޑް އޮފީސް ކުރިމަތީ ފަޅުން އިތުރަށް ބޮޑު ބައެއް ހިއްކައި، އެ ތަނުގައި ޕާކިން ޒޯނެއް ހެދުމަށް ވެސް ވަނީ ނިންމައިފަ އެވެ.
ބޮޑުތަކުރުފާނު މަގު ތާރު އަޅައިގެން އަލުން ހެދުމަށް ކުރިއަށްގެންދާ މި މަޝްރޫއުގައި، އެންމެ ފުރަތަމަ ނިންމީ ޖުމްހޫރީ މައިދާން ކައިރިން މާރުކޭޓާއި ރަސްމީ ފާލަމާ ދެމެދު، ފަޅުތެރެއިން ބައެއް ހިއްކައިގެން، ހަތަރު ލޭނަށްވާ ގޮތަށް މަގު ފުޅާކޮށް ތާރު އަޅައިގެންނެވެ.
ކޮމެންޓު ފޮނުވާ