ހދ. އަތޮޅު ބޯޑުގެ މަސައްކަތް ހުއްޓުވުމަށް އެންގުމުން، އެލްޖީއޭ އަށް އެމްޑީޕީގެ ފާޑުކިޔުން

ހދ. އަތޮޅު ބޯޑުގެ މަސައްކަތް ހުއްޓުވުމަށް އެންގުމުން، އެލްޖީއޭ އަށް އެމްޑީޕީގެ ފާޑުކިޔުން

Author
އަހުމަދު
14 ޖުލައި 2026 08:31
0

ހދ. އަތޮޅުގެ ތަރައްގީއަށް އެ އަތޮޅުގެ ރަށްތައް ޝާމިލުވާ ގޮތަށް ބޯޑެއް އެކުލަވާލުމުގެ މަސައްކަތް ހުއްޓައިލުމަށް ލޯކަލް ގަވަރުމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން ކުޅުދުއްފުށީ ސިޓީ ކައުންސިލަށް އެންގުމާ ގުޅިގެން، އެ ނިންމުން އެމްޑީޕީން މިއަދު ކުށްވެރިކޮށްފި އެވެ.

އަތޮޅު ކައުންސިލްތައް އުވާލުމަށްފަހު، ހދ. އަތޮޅުގެ ރަށްތައް ގުޅިގެން ތަރައްގީގެ މަސައްކަތްތައް ކުރިއަށްގެންދިއުމަށް ބޯޑެއް އެކުލަވާލުމުގެ މަސައްކަތް ފެށީ ކުޅުދުއްފުށީ ސިޓީ ކައުންސިލުންނެވެ. އެހެންނަމަވެސް، އެ މަސައްކަތް ވަގުތުން ހުއްޓައިލުމަށާއި، އެގޮތަށް އަމަލުކުރުމުގެ ގާނޫނީ ސަބަބު ސާފުކޮށްދިނުމަށް އަންގައި، އެލްޖީއޭ އިން ވަނީ ސިޓީ ކައުންސިލަށް ސިޓީއެއް ފޮނުވައިފަ އެވެ.

މި މައްސަލައިގައި އެމްޑީޕީން ނެރުނު ބަޔާނުގައި ބުނެފައި ވަނީ، ކައުންސިލްތަކުގެ އިހްތިސާސްގެ ތެރެއިން ރަސްމީ ޖަލްސާތަކުން ފާސްކުރާ ނިންމުންތަކަށް ދައުލަތުގެ އިދާރާތަކުން ނުފޫޒު ފޯރުވައި، އެ ނިންމުންތައް ބާތިލުކުރުމަށް މަޖުބޫރު ނުކުރެވޭނެ ކަމަށެވެ. އެފަދަ ނިންމުންތައް ސަރުކާރުން ބޭނުންވާ ގޮތަކަށް ބަދަލުކުރުމަށް އެންގުމަކީ، ގާނޫނުގެ ބާރު ކަނޑުވައިލުމުގެ އަމަލެއް ކަމަށް ވެސް އެ ބަޔާނުގައި ފާހަގަކޮށްފައި ވެ އެވެ.

އެމްޑީޕީން ދެކޭ ގޮތުގައި، ސަރުކާރުގެ ނުފޫޒުން މި ފަދަ ނިންމުންތައް ގަދަކަމުން ބާތިލުކުރުވަން އުޅުމަކީ ކުޅުދުއްފުށީގެ އަދި މުޅި ހދ. އަތޮޅު ރައްޔިތުންގެ ޝުއޫރުތަކަށް ސަރުކާރުން ކުޑަކޮށްވެސް ބެލުމެއް ނެތްކަން ހާމަކޮށްދޭ ހެއްކެކެވެ. އެހެންކަމުން، ސިޓީ ކައުންސިލްގެ ނިންމުމަށް އިހްތިރާމްކޮށް، އެ އެންގުން ވަގުތުން އަނބުރާ ގެންދިއުމަށާއި، ކައުންސިލްތަކުގެ ތަރައްގީގެ މަސައްކަތްތަކަށް ސިޔާސީ ނުފޫޒު ފޯރުވުން ހުއްޓައިލުމަށް އެ ޕާޓީން ވަނީ ސަރުކާރަށް ގޮވައިލައިފަ އެވެ.

ކުޅުދުއްފުށީ މޭޔަރު މުހައްމަދު އާތިފް އަށް އެލްޖީއޭ އިން ފޮނުވި ސިޓީގައި ބުނެފައި ވަނީ، އަތޮޅު ކައުންސިލްތައް އުވައިލައި، އެ އިދާރާތަކުގެ މަސްއޫލިއްޔަތުތައް އެލްޖީއޭ އާ ހަވާލުކޮށްފައި ވާތީ، މުޅި އިދާރީ ދާއިރާގެ ތަރައްގީއަށް ކުރަންޖެހޭ ކަންކަން ކުރުމަކީ އެ އޮތޯރިޓީގެ މަސްއޫލިއްޔަތެއް ކަމަށެވެ. އެހެންވެ، އަތޮޅުގެ ހުރިހާ ރަށެއް ހިމެނޭ ގޮތަށް ބޯޑެއް އެކުލަވާލެވިދާނެ ކަމަކަށް ގަބޫލުނުކުރެވޭ ކަމަށާއި، އެފަދަ މަސައްކަތެއް ކުރުމަކީ ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހުގެ މަފްހޫމާ ފުށުއަރާ ކަމެއް ކަމަށް ވެސް އެ ސިޓީގައި ބުނެފައި ވެ އެވެ.

އެ ސިޓީއާ ގުޅިގެން މޭޔަރު އާތިފް ވިދާޅުވީ، ބޯޑެއް އެކުލަވާލުމުގެ މަގުސަދަކީ އަތޮޅު ކައުންސިލުން ނުވަތަ އެލްޖީއޭ އިން ދޭ ހިދުމަތްތައް ދިނުން ނޫން ކަމަށާއި، ރަށްތައް ގުޅިގެން އަތޮޅުގެ ތަރައްގީއަށް ކުރެވިދާނެ މަސައްކަތްތައް ބަލައި، އެއިން ނަތީޖާއެއް ހޯދުމަށް ފެށި މަސައްކަތެއް ކަމަށެވެ. ބިރު ދެއްކުމަކުން ފަހަތަށް ނުޖެއްސޭނެ ކަމަށާއި، ސަރަހައްދުގެ ރައްޔިތުންގެ ހައްގުގައި ކުރާ މަސައްކަތެއް ނުހުއްޓުވޭނެ ކަމަށް ވެސް އާތިފް ވިދާޅުވި އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.