ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް އައްޔަންކުރާ ތިން މެންބަރެއްގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ 59 ވަނަ މާއްދާގެ ދަށުން، ސިޓީ ކައުންސިލަރުންގެ ތެރެއިން މެންބަރަކާއި، ރަށު ކައުންސިލަރުންގެ ތެރެއިން މެންބަރެއްގެ އިތުރުން އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުންގެ ތެރެއިން މެންބަރަކު، އެލްޖީއޭގެ ބޯޑަށް އައްޔަންކުރާނެއެވެ. މި މަގާމުތަކަށް މެންބަރުން ހޮވުމަށް ބާއްވާ އިންތިޚާބު ކުރިއަށްދާނީ އަންނަ އޮގަސްޓް މަހުގެ 8 ވަނަ ދުވަހުއެވެ.
އެލްޖީއޭއިން ބުނިގޮތުގައި، ކުރިމަތިލާން ބޭނުންވާ ފަރާތްތަކަށް މި މަހުގެ 16 ވަނަ ދުވަހުގެ މެންދުރު 12:00 އާ ހަމައަށް ފުރުސަތު ވަނީ ހުޅުވާލާފައެވެ. ފޯމު ފޮނުވަން ޖެހެނީ އިންތިޚާބުތަކަށް ޚާއްސަކުރެވިފައިވާ އީމެއިލް، [email protected] އަށެވެ. އީމެއިލްގެ ޒަރީއާއިން ފޯމު ހުށަހެޅުމަށް ދަތިވާ ފަރާތްތަކަށް ސީދާ އެ އޮތޯރިޓީއަށް ހާޒިރުވެގެން ވެސް ފޯމު ހުށަހެޅޭނެ އިންތިޒާމު ހަމަޖައްސާފައިވާނެ ކަމަށް އެލްޖީއޭއިން ބުނެއެވެ.
އަދި ފޯމު ބަލައިގަތުމާ ގުޅޭގޮތުން ޖަވާބު ދޭނީ ވެސް އީމެއިލް މެދުވެރިކޮށް ކަމަށާއި، ސަބަބަކާހުރެ ފޯމު ބަލައިނުގަނެވޭނަމަ، ފޯމު ލިބޭތާ 24 ގަޑިއިރުގެ ތެރޭގައި އެކަން އަންގައި، ފޯމު އިސްލާހުކޮށްފައި އަލުން ހުށަހެޅުމުގެ ފުރުސަތު ދޭނެ ކަމުގައި ވެސް އެ އޮތޯރިޓީން ބުނެއެވެ.
އިންތިޚާބުގެ ވޯޓު ނެގުން ކުރިއަށްދާނީ އޮގަސްޓް 8 ވާ ހޮނިހިރު ދުވަހުގެ ހެނދުނު 10:00 އިން ހަވީރު 16:00 އަށެވެ. ރަސްމީ ނަތީޖާ އިއުލާންކުރުމަށް ހަމަޖެހިފައިވަނީ އޮގަސްޓް 11 ވާ އަންގާރަ ދުވަހުއެވެ.
ކޮމެންޓު ފޮނުވާ