ހދ. އަތޮޅުގެ ތަރައްޤީއަށް އެކުލަވާލާ ބޯޑު ހުއްޓާލަން އެލްޖީއޭ އިން އަންގައިފި

ހދ. އަތޮޅުގެ ތަރައްޤީއަށް އެކުލަވާލާ ބޯޑު ހުއްޓާލަން އެލްޖީއޭ އިން އަންގައިފި

Author
އަހުމަދު
07 ޖުލައި 2026 08:04
0

ހދ. އަތޮޅުގެ ރަށްތަކުގެ ތަރައްޤީއަށްޓަކައި ކުޅުދުއްފުށި ސިޓީ ކައުންސިލް އިސްވެ އޮވެ އެކުލަވާލަން ނިންމި ބޯޑުގެ މަސައްކަތް ވަގުތުން ހުއްޓާލުމަށް ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން އަންގައިފިއެވެ.

މި މަހުގެ 2 ވަނަ ދުވަހު އަތޮޅުގެ ކައުންސިލްތައް ގުޅިގެން މިފަދަ ބޯޑެއް ހަދަން ނިންމުމާ ގުޅިގެން އެލްޖީއޭއިން ކައުންސިލަށް ފޮނުވި ސިޓީއެއްގައި ބުނެފައިވަނީ، އަތޮޅު އޮފީސްތައް އުވާލުމަށްފަހު އަތޮޅުގެ ތަރައްޤީގެ ކަންކަން ބެލެހެއްޓުމަކީ އެ އޮތޯރިޓީގެ ޒިންމާއެއް ކަމަށެވެ. އަދި ކައުންސިލްތައް ގުޅިގެން ވަކި ބޯޑެއް އެކުލަވާލައިގެން މަސައްކަތް ކުރުމަކީ ލާމަރުކަޒީ ގާނޫނަށް ގެނެވުނު އިސްލާހުގެ މަހްފޫމާ ފުށުއަރާ ކަމެއް ކަމަށްވާތީ، އެ މަސައްކަތް ހުއްޓާލުމަށާއި އެކަން ކުރަން ނިންމި ސަބަބު ސާފުކޮށްދިނުމަށް ވަނީ އަންގާފައެވެ.

އެލްޖީއޭގެ މި އެންގުމާ ގުޅިގެން ކުޅުދުއްފުށީ ސިޓީގެ މޭޔަރު މުޙައްމަދު އާތިފް ވިދާޅުވީ، ސަރުކާރުން ބިރުދެއްކި ނަމަވެސް ރައްޔިތުންގެ ހައްގުގައި ކުރާ މަސައްކަތްތަކުން ފަހަތަށް ޖެހިވަޑައިނުގަންނަވާނެ ކަމަށެވެ. އަދި މި ބޯޑު އެކުލަވާލުމުގެ ބޭނުމަކީ ގާނޫނުން އެލްޖީއޭއާ މަތިކޮށްފައިވާ ޒިންމާތައް އަދާކުރުން ނޫން ކަމަށާއި، މައިގަނޑު މަގްސަދަކީ ހަމައެކަނި ހދ. އަތޮޅުގެ ތަރައްޤީއަށް ގުޅިގެން މަސައްކަތްކުރުން ކަމަށްވެސް މޭޔަރު ވަނީ ފާހަގަކުރައްވާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.