މިހާރު ކުރިއަށްދާ ފީފާ ވޯލްޑްކަޕްގައި އެމެރިކާގެ ފޯވާޑް ފޮލަރިން ބަލޮގަންއަށް ދެއްކި ރަތް ކާޑުގެ ސަސްޕެންޝަން ފަސްކުރުމާ ގުޅިގެން ބެލްޖިއަމުން ހުށަހެޅި މައްސަލަ ފީފާއިން ބަލައިނުގަނެ ބޭރުކޮށްލައިފިއެވެ.
ބަލޮގަންއަށް ރަތް ކާޑު ދައްކާފައިވަނީ މުބާރާތުގެ ދެވަނަ ބުރުގައި ބޮސްނިއާއާ ދެކޮޅަށް ކުޅުނު މެޗުގައި ކުރި ނުރައްކާތެރި ފައުލަކާ ގުޅިގެންނެވެ. މި ކާޑާއެކު ގަދަ 16 ގައި ބެލްޖިއަމްއާ ދެކޮޅަށް ކުޅޭ މެޗަށް އޭނާ ސަސްޕެންޑްވާނެކަމަށް ބެލެވުނު ނަމަވެސް، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ އެދިވަޑައިގަތުމަކަށް ފީފާގެ ޑިސިޕްލިނަރީ ކޮމިޓީން ވަނީ އެ ސަސްޕެންޝަނަށް އަމަލުކުރުން އެއް އަހަރަށް ފަސްކޮށްދީފައެވެ. އަދި އެފަދަ ކަމެއް ތަކުރާރުކޮށްފިނަމަ އަދަބު ވަގުތުން ތަންފީޒުކުރާނެކަމަށްވެސް އަންގާފައިވެއެވެ.
މި ނިންމުމާ މެދު ހިތްހަމަނުޖެހިގެން ރޯޔަލް ބެލްޖިއަން ފުޓްބޯލް އެސޯސިއޭޝަނުން ފީފާއަށް މައްސަލަ ހުށަހެޅީ، އާންމު އުސޫލުން ރަތް ކާޑު ދެއްކުމުން ޖެހިގެން އަންނަ މެޗަށް ސަސްޕެންޑްވާނެކަން ފާހަގަކޮށް، ފީފާގެ އިންސާފުވެރިކަމާމެދު ސުވާލު އުފައްދަމުންނެވެ. މިކަމާ ގުޅިގެން ބެލްޖިއަމްގެ ކޯޗު ރުޑީ ގާސިއާ ވެސް ވަނީ މިއީ "އޭޕްރިލް ފޫލް" ޖޯކެއް ފަދަ ކަމެއް ކަމަށް ބުނެ ފީފާގެ ނިންމުމަށް މަލާމާތްކޮށްފައެވެ.
އެހެންނަމަވެސް، ފީފާއިން މި މައްސަލަ ބޭރުކޮށްލާފައިވަނީ ބެލްޖިއަމްއަކީ މި މައްސަލަ އިސްތިއުނާފު ކުރުމުގެ ގާނޫނީ ހައްގު ލިބިގެންވާ ފަރާތެއް ނޫންކަމަށް ކަނޑައެޅުމަށްފަހުއެވެ.
ކޮމެންޓު ފޮނުވާ