މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އަންނަ ރޯދަމަހު އުމްރާ ދަތުރުތައް އައްޑޫ ގަމުން ސީދާ ސައޫދީ އަރަބިއްޔާގެ ޖިއްދާއަށް ބާއްވަން ނިންމައިފިއެވެ.
ކޯޕަރޭޝަނުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ރޯދަމަހުގެ ފަހު 15 އަށް ހާއްސަކޮށް ބާއްވާ މި ދަތުރު ގަމުން ފުރާނީ 2027 ވަނަ އަހަރުގެ ފެބުރުއަރީ 20 ގައި ކަމަށެވެ. ޝައްވާލު މަހުގެ ހަ ރޯދަވެސް ހިމެނޭ މި ޕެކޭޖުގެ އަގަކީ 48,965 ރުފިޔާއެވެ. މުޅި ރޯދަމަހު އުމްރާގައި ހޭދަކުރަން ބޭނުންވާ މީހުންނަށް 54,965 ރުފިޔާގެ ޕެކޭޖެއްވެސް ހުޅުވާލާފައިވެއެވެ. ޖާގަ ކަށަވަރުކުރެވޭނީ ކޯޕަރޭޝަންގެ "ފަހެލި" ޕޯޓަލް ނުވަތަ ވެބްސައިޓް މެދުވެރިކޮށެވެ.
ޕެކޭޖުގައި ދިވެހި ޑޮކްޓަރުންނާއި ނަރުހުން ހިމެނޭ ކްލިނިކާއި ފާމަސީގެ ހިދުމަތް، ހިލޭ ވެކްސިން، ހައިސްޕީޑް ރޭލުން މަދީނާއަށް ދަތުރުކޮށް އެ ރަށުގައި ތިން ރޭ ހޭދަކުރުން، ދިވެހި ކެއުން، ލޯންޑްރީ، ދީނީ ދަރުސްތަކާއި އިރުޝާދު، އުމްރާ ކިޓް، ބަގީ އަދި ލޮކޭޝަން ޓްރެކިން ޑިވައިސް ހިމެނެއެވެ.
ހައްޖު ކޯޕަރޭޝަނުން ބުނީ ދެކުނުގެ ރައްޔިތުން މާލެ ދަތުރުކުރަން ނުޖެހި އުމްރާއަށް ދެވޭނެ މަގު ފަހިކޮށްދިނުމަށް ކަމަށާއި، ކުރިއަށް ޖުލައި، ޑިސެމްބަރު އަދި ރޯދަމަހު އައްޑޫން ޖިއްދާއަށް ދަތުރުތައް ދެމެހެއްޓުމަށް އަމާޒުކުރާ ކަމަށެވެ. މިކަމަށް ފުރުސަތު ފަހިވީ މޯލްޑިވިއަނުން ވައިޑް-ބޮޑީ އޮޕަރޭޝަންތައް ފެށުމާ ގުޅިގެން ކަމަށްވެސް ކޯޕަރޭޝަނުން ބުންޏެވެ.
ގަމުން ސީދާ ޖިއްދާއަށް ފުރަތަމަ އުމްރާ ދަތުރު ބޭއްވީ މިދިޔަ ޖުލައި މަހު، އަމިއްލަ ޖަމާއަތެއް ކަމަށްވާ "ދަތުރުވެރިޔާ" އިންނެވެ. މޯލްޑިވިއަންގެ އޭ-330 އިން ކުރި އެ ދަތުރުގައި 259 މީހަކު ދިޔައިރު، އޭގެ ތެރެއިން 110 މީހުން ވަނީ އައްޑޫ މީހުންނެވެ.
ކޮމެންޓު ފޮނުވާ