މި އަހަރުގެ ފީފާ ވޯލްޑް ކަޕްގައި ވާދަވެރި ލިއޮނަލް މެސީ އާއި އާޖެންޓީނާއާ ދެކޮޅަށް ކުޅެން ޖެހިއްޖެނަމަ އެއީ ވަރަށް ތަފާތު ކަމަކަށް ވާނެކަމަށް ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ބުނެފި އެވެ.
މުބާރާތުގެ ދެވަނަ މެޗުގައި އުޒްބެކިސްތާން އަތުން 5-0 އިން ޕޯޗުގަލް މޮޅުވި މެޗަށްފަހު ނޫސްވެރިންނާ ވާހަކަދައްކަމުން އުމުރުން 41 އަހަރުގެ ރޮނާލްޑޯ ވަނީ މެސީއާ ގުޅޭގޮތުން އަމާޒުވި ބައެއް ސުވާލުތަކަށް ޖަވާބުދޭން އުޒުރުވެރިވެފަ އެވެ. ނަމަވެސް މުބާރާތުގެ ކުރިއަށް އޮތް ހިސާބެއްގައި އެންމެ ފަހުގެ ޗެމްޕިއަން އާޖެންޓީނާއާ ކުރިމަތިލާން ޖެހިދާނެތީ އެކަމާ ގުޅޭގޮތުން އެހުމުން އޭނާ ބުނީ ސީދާ ޖަވާބެއް ދޭން ނޭނގުނު ނަމަވެސް އެކަން ވެއްޖެނަމަ އެއީ ތަފާތު ކަމަކަށް ވާނެ ކަމަށެވެ. މި މެޗުގައި ރޮނާލްޑޯ ވަނީ ދެ ލަނޑު ޖަހައިފަ އެވެ.
މިވަގުތު އާޖެންޓީނާ ކުޅުނު ދެ މެޗުން މޮޅުވެ ގަދަ 32 ގެ ޖާގައެއް ކަށަވަރުކޮށްފައިވާއިރު، ޕޯޗުގަލް އޮތީ ގްރޫޕްގެ ދެވަނައިގަ އެވެ. ފުރަތަމަ މެޗުން ކޮންގޯއާ 1-1 އިން އެއްވަރުވުމަށްފަހު ދެވަނަ މެޗުން ހޯދި ބޮޑު މޮޅާއެކު ޕޯޗުގަލްގެ އަމާޒަކީ ފަހު މެޗުގައި ކޮލަމްބިއާ ބަލިކޮށް ގްރޫޕްގެ އެއްވަނަ ހޯދުމެވެ. ގްރޫޕްގެ އެއްވަނަ ހޯދައިގެން ދެ ޓީމު ކުރިއަށް ގޮސްފިނަމަ ކުއާޓާ ފައިނަލްގައި މި ދެ ޓީމު ބައްދަލުކުރުމުގެ ފުރުސަތު ބޮޑެވެ.
މިއީ ރޮނާލްޑޯގެ ހަވަނަ ވޯލްޑް ކަޕް ކަމަށްވާއިރު، އޭނާ އަކީ ތަފާތު ހަ ވޯލްޑް ކަޕެއްގައި ލަނޑުޖެހި ހަމައެކަނި ކުޅުންތެރިޔާ އެވެ. އުމުރުން ދުވަސްވުމުގެ ސަބަބުން ފުރަތަމަ އެގާރައިގައި ހިމެނުމާ ގުޅިގެން އޭނާ އަށާއި ކޯޗު ރޮބާޓޯ މާޓިނޭޒަށް އަމާޒުވާ ފާޑުކިޔުންތަކަށް ރައްދުދެމުން ރޮނާލްޑޯ ބުނީ ޕްރޮފެޝަނަލް ކުޅުންތެރިއެއްގެ ގޮތުގައި 23 އަހަރު ހޭދަކޮށްފައިވާއިރު އެފަދަ ފާޑުކިޔުންތަކާމެދު މާބޮޑަށް ނުވިސްނާ ކަމަށެވެ. ކަންކަން ރަނގަޅަށް ދާއިރު ތައުރީފުކޮށްފައި ކަންކަން ގޯސްކޮށް ދާއިރު މުސްކުޅިވެއްޖެ ކަމަށް މީހުން ބުނާނެ ކަމަށާއި، ނަމަވެސް އޭނާގެ އެންމެ ބޮޑު އިސްކަމެއް އަބަދުވެސް ދޭނީ އަމިއްލަ ކަންކަމަށްވުރެ ބޮޑަށް ޓީމު މޮޅުކޮށްދިނުމަށް ކަމަށް ރޮނާލްޑޯ ވަނީ ފާހަގަކޮށްފަ އެވެ.
ކޮމެންޓު ފޮނުވާ