ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން ސަރުކާރު ހިއްސާވާ ހަތަރު ކުންފުންޏެއްގެ ޑިރެކްޓަރުންގެ ބޯޑަށް މިއަދު ބަދަލުތަކެއް ގެނެސްފިއެވެ.
މި ބަދަލުތަކުގެ ދަށުން ބައެއް ކުންފުނިތަކަށް ވަނީ އައު މެންބަރުން އައްޔަނުކޮށްފައެވެ. އެގޮތުން، އެމްޓީސީސީގެ ޗެއާޕާސަން އަދި ބޯޑު ޑިރެކްޓަރު ކަމަށް ސަޢާދާ އިބްރާހިމް އައްޔަނުކޮށްފައިވާއިރު، އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓުގެ ބޯޑު ޑިރެކްޓަރަކަށް ޝެރީނާ ޞާލިހު ވަނީ ހަމަޖައްސަވާފައެވެ. މީގެ އިތުރުން މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ ޑިރެކްޓަރުންގެ ބޯޑަށް އަހުމަދު ނާސިފާއި ޒައިނާ އަބްދުﷲ ވަނީ އައްޔަނުކޮށްފައެވެ.
އައު މެންބަރުން އައްޔަނުކުރުމުގެ އިތުރުން ދެ ކުންފުންޏެއްގެ ބޯޑުން މެންބަރުންތަކެއް ވަނީ މަގާމުން ވަކިވެސް ކޮށްފައެވެ. އެއީ ވިޒިޓް މޯލްޑިވްސްގެ ބޯޑު މެންބަރު ޢާއިޝަތު އަލީ އާއި އެމްޕީއެލްގެ ބޯޑު މެންބަރު އައިމިނަތު ރައިޝަމެވެ.
ކުންފުނިތަކުގެ ބޯޑުތަކަށް ޕީސީބީން މި ބަދަލުތައް ގެނައި ވަކި ސަބަބެއް ރަސްމީކޮށް ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް މި ބަދަލުތައް ގެނެސްފައި މިވަނީ، ދައުލަތުގެ ޚަރަދުތައް ކުޑަކުރުމުގެ ގޮތުން ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުން މަދުކުރުމަށް ފިނޭންސް މިނިސްޓްރީން އަންގާފައިވާ ދަނޑިވަޅެއްގައެވެ.
ކޮމެންޓު ފޮނުވާ