އިސްކަންދަރު ސްކޫލްގެ ޓީޗަރުން އުފެއްދި ޔޫނިއަން ބަލައިނުގަންނަން ނިންމީ، ދައުލަތުގެ މުއައްސަސާއެއްގެ ނަން ބޭނުންކޮށްފައިވާތީ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއީލް ޝަފީއު މިއަދު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން މިނިސްޓަރު ވިދާޅުވީ، ޔޫނިއަން ހިންގުމާއި ރަޖިސްޓްރީ ކުރުމާ ބެހޭ ގަވައިދު ބުނާގޮތުން ދައުލަތުގެ މުއައްސަސާއެއްގެ ނަން ނުވަތަ އޮޅުންއަރާ ފަދަ ނަމެއް ޔޫނިއަންތަކަށް ނުކިޔޭނެ ކަމަށެވެ. އެހެންކަމުން އިސްކަންދަރު، މަޖީދިއްޔާ ނުވަތަ އަމީނިއްޔާ ފަދަ ސްކޫލެއްގެ ނަން ބޭނުންކޮށްގެން ޔޫނިއަން އުފެއްދޭނެ ކަމަށް މިނިސްޓްރީން ގަބޫލުނުކުރައްވާ ކަމަށް އޭނާ ވިދާޅުވިއެވެ.
ސަރުކާރުގެ ކަމާބެހޭ އިދާރާއަކުން އެ ޔޫނިއަން ރަޖިސްޓްރީކޮށްދީފައިވަނީ އެކަށީގެންވާ ވަރަށް ނުބެލި ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ. އަދި އެ މައްސަލަ ޔޫނިއަންތަކުގެ ރަޖިސްޓްރާއަށް ހުށަހެޅުމަށް ތައްޔާރުވަމުން އަންނަ ކަމަށްވެސް ވިދާޅުވިއެވެ. ސްކޫލްތަކަކީ އާއްމު ކުންފުނިތަކާ ހިލާފަށް ހާއްސަ ސިފަތަކެއް ލިބިފައިވާ، ތުއްތު ކުދިންގެ ތަރުބިއްޔަތާ ގުޅިފައިވާ ތަންތަން ކަމަށްވާތީ، ވަކިވަކި ސްކޫލްތަކުގެ ނަމުގައި ޔޫނިއަން ހެދުމަށް ފުރުސަތު ނުދެއްވާނެ ކަމަށް މިނިސްޓަރު ތަކުރާރުކުރެއްވިއެވެ.
މުދައްރިސުންގެ ހައްގުތައް ހިމާޔަތްކުރުމަށް ފުރުސަތު ދެއްވާނެ ކަމަށާއި، ނަމަވެސް އެކަން ކުރުމަށް އެންމެ ރަނގަޅު ގޮތަކީ ގިނަ ގައުމުތަކެކޭވެސް އެއްފަދައިން ގައުމީ ފެންވަރުގައި ހަރަކާތްތެރިވާ ޔޫނިއަންތައް މެދުވެރިކޮށް މަސައްކަތްކުރުން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ކޮމެންޓު ފޮނުވާ