ރާއްޖޭގައި އިސްލާމީ ތަޢުލީމު ފެތުރުއްވުމަށް ބައި ގަރުނަށްވުރެ ދިގު މުއްދަތެއްގައި ގިނަގުނަ ޚިދުމަތްތަކެއް ކޮށްދެއްވި މަޝްހޫރު ދީނީ އިލްމުވެރިޔާ ފަޟީލަތުއްޝައިޚް އިސްމާޢީލް މުޙައްމަދު (ތޮއިބާ ޝައިޚް) އަވަހާރަވެއްޖެއެވެ. އެމަނިކުފާނު އަވަހާރަވީ އާލާސްކަންފުޅާ އުޅުއްވާތާ ގިނަ ދުވަސްތަކެއް ވުމަށްފަހު އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށެވެ.
ދ. މީދޫއަށް އުފަން ޝައިޚް އިސްމާޢީލަކީ 1970 ގެ އަހަރުތަކުގައި މަދީނާ ޔުނިވަރސިޓީން ޑިގްރީ ހާސިލުކުރެއްވި ފުރަތަމަ ދިވެހި ދަރިވަރެވެ. މާލޭގައި 'ތޮއިބާ ސްކޫލް' ގެ ނަމުގައި މަދަރުސާއެއް ހިންގެވުމުގެ އިތުރުން، ޕާކިސްތާނުގެ އެކި ޔުނިވަރސިޓީތަކުން ސަތޭކައަށްވުރެ ގިނަ ދިވެހި ދަރިވަރުންނަށް ދީނީ ރޮނގުން މަތީ ތަޢުލީމު ހާސިލުކުރުމުގެ ފުރުސަތު އެމަނިކުފާނު ވަނީ ހޯއްދަވައިދެއްވާފައެވެ.
އެމަނިކުފާނުގެ އަގުހުރި ޚިދުމަތްތަކުގެ އަގުވަޒަންކުރައްވައި ދައުލަތުން ވަނީ ޝަރަފުވެރިކަމުގެ ޤައުމީ އިނާމު އަރުވާފައެވެ. އަދި މިދިޔަ އަހަރުގެ އޭޕްރީލް މަހު އިސްލާމިކް ޔުނިވަރސިޓީ އޮފް މޯލްޑިވްސް އިން ދެއްވި ފުރަތަމަ އޮނަރަރީ ޑޮކްޓަރޭޓްގެ ޝަރަފުވެސް ލިބިވަޑައިގަތީ އެމަނިކުފާނަށެވެ. ޝައިޚް އަވަހާރަވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ އާއިލާއަށް ތައުޒިޔާ ފޮނުއްވައި، އެމަނިކުފާނަކީ ދީނީ ފޮތްތައް ތަރުޖަމާކުރެއްވުމުގައި ފާހަގަކޮށްލެވޭ، މިއަދުގެ ގިނަ އިލްމުވެރިންގެ އުސްތާޒެއްކަން ފާހަގަކުރައްވާފައެވެ.
އަވަހާރަވިއިރުވެސް ޝައިޚް ގެންދެވީ އަމިއްލަ ޚަރަދުގައި ހުޅުމާލޭގައި އުންމުލްމުއުމިނީން އާއިޝަތުގެފާނުގެ ނަންފުޅަށް ނިސްބަތްވާ މިސްކިތެއް ބިނާކުރައްވަމުންނެވެ. މި މިސްކިތުގެ ބިންގާ މިދިޔަ އަހަރުގެ މާޗު މަހު އަޅުއްވައިދެއްވީ ރައީސް ޑރ. މުޢިއްޒެވެ. ޝައިޚް އިސްމާޢީލަކީ ދިވެހިންގެ މެދުގައި ނުހަނު ލޯތްބާއި އިޙްތިރާމް ހޯއްދަވާފައިވާ، ދީނީ މައިދާނުގައި ނަމޫނާ ޝަޚުޞިއްޔަތެކެވެ.
ކޮމެންޓު ފޮނުވާ