އެމްޑީޕީގެ ޗެއަރޕަރސަންގެ މަޤާމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު އިންތިޚާބުވެވަޑައިގަތުމާ ގުޅިގެން، ޕާޓީގެ ސަފުތައް އަލުން ރުކުރުވާލައި މިހާރު އޮތް ސަރުކާރު ބަލިކުރުމުގެ މަސައްކަތް ފަށަންވީ ވަގުތު ޖެހިއްޖެކަމަށް އެ ޕާޓީގެ ރައީސް ޢަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދަށް މަރުޙަބާ ދަންނަވައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޝާހިދު ވިދާޅުވީ، މިއީ ރާއްޖޭގެ ސިޔާސީ ޕާޓީއަކުން ފަހުގެ ތާރީޚެއްގައި ބޭއްވި އެންމެ ބޮޑު އެތެރޭގެ އިންތިޚާބު ކަމަށެވެ. އަދި މި އިންތިޚާބުގައި ޕާޓީގެ މެމްބަރުން ދައްކުވައިދިން ޑިމޮކްރަސީގެ ރޫޙަށާއި، ވޯޓުލުމުގެ ކަންކަން އަމާންކަމާއެކު ކުރިއަށް ގެންގޮސްދެއްވި އެމްޑީޕީގެ ސެކްރެޓޭރިއަޓްގެ ވޮލަންޓިއަރުންގެ ބުރަ މަސައްކަތަށް އެމަނިކުފާނު ވަނީ ޝުކުރު އަދާކުރައްވާފައެވެ.
މީގެ އިތުރުން، މި އިންތިޚާބުގައި ވާދަކުރެއްވި އައްޑޫ މީދޫ ދާއިރާގެ މެމްބަރު މީކާއީލް އަޙްމަދު ނަސީމާއި އިބްރާހިމް މުޙައްމަދު (ވާޑު) ދެއްކެވި ޑިމޮކްރަސީގެ ރީތި ނަމޫނާއަށް ތަޢުރީފުކުރައްވަމުން ޝާހިދު ވަނީ، އެންމެން އެކުގައި ގުޅިގެން މަސައްކަތް ފެށުމަށް ގޮވާލައްވާފައެވެ. އެގޮތުން، ޕާޓީގެ ސަފުތައް ބަދަހިކޮށް، ރައީސް މުޢިއްޒުގެ ސަރުކާރު ބަލިކޮށް، ދިވެހި ރައްޔިތުން އެދޭފަދަ ވެރިކަމެއް އަލުން ހޯދައިދިނުމަކީ މިހާރުގެ އެންމެ ބޮޑު އަމާޒުކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މިއަދު ބޭއްވި އިންތިޚާބުގެ މިހާތަނަށް ގުނާފައިވާ ގިނަ ފޮށިތަކުގެ ނަތީޖާ ދައްކާގޮތުން، ރައީސް ނަޝީދު ވަނީ ވާދަވެރި ކެންޑިޑޭޓުންނާ އަޅާބަލާއިރު ބޮޑު ތަފާތަކުން ކުރި ހޯއްދަވާފައެވެ. ނަތީޖާއިން ބޮޑު ކުރިއެރުމެއް ލިބެމުންދާތީ، ރައީސް ނަޝީދުގެ "ބޮޑު ބަދަލު" ކެމްޕެއިން ޓީމުން މިހާރު ވަނީ އިންތިޚާބު ކާމިޔާބު ކުރެއްވިކަން ރަސްމީކޮށް އިޢުލާނުކޮށްފައެވެ.
ކޮމެންޓު ފޮނުވާ