އީރާނަށް އިތުރު ވަރުގަދަ ހަމަލާތަކެއް ދޭނެކަމުގެ އިންޒާރު

އީރާނަށް އިތުރު ވަރުގަދަ ހަމަލާތަކެއް ދޭނެކަމުގެ އިންޒާރު

Author
އަހުމަދު
10 ޖޫން 2026 10:56
0

ސުލްހައިގެ އެއްބަސްވުމަކަށް އައުމަށް އީރާނުން ވަގުތު ނަގަމުންދާތީ، އެމެރިކާއިން އީރާނަށް އިތުރު ވަރުގަދަ ހަމަލާތަކެއް ދޭނެކަމުގެ އިންޒާރު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދެއްވައިފިއެވެ.

އޯވަލް އޮފީހުގައި ނޫސްވެރިންނާ ވާހަކަދައްކަވަމުން ޓްރަމްޕް ވިދާޅުވީ، އެއްބަސްވުމަކަށް އައުމަށް ގިނަ ދުވަސް ނަގާތީ އީރާނުން އެކަމުގެ އަގު އަދާކުރަންޖެހޭނެ ކަމަށާއި، ކުރިއަށްވުރެ ވަރުގަދައަށް އެގައުމަށް ހަމަލާދޭނެ ކަމަށެވެ. އެމެރިކާއިން ބޮމުގެ ހަމަލާތައް އަލުން ފަށަނީތޯ ނޫސްވެރިއަކު ސުވާލުކުރުމުން، ހޮރްމޫޒް ކަނޑުއޮޅި ކައިރިން އެމެރިކާގެ އަޕާޗީ ހެލިކޮޕްޓަރެއް އީރާނުން ވައްޓާލާފައިވާކަމަށް ތުހުމަތުކުރައްވައި، ހަމަލާދިނުމުގެ ހައްގު ލިބިފައިވާކަމަށް ޓްރަމްޕް ވިދާޅުވިއެވެ. ހެލިކަޕްޓަރު ވައްޓާލި މައްސަލައިގައި އެމެރިކާއިން ދިން ވައިގެ ހަމަލާތަކާ ގުޅިގެން، އީރާނުން ވަނީ އުރުދުން، ކުވެއިތު އަދި ބަހްރޭންގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް ހަމަލާދީފައެވެ. ނަމަވެސް އެ ގައުމުތަކުން ވަނީ އެ ހަމަލާތައް ނާކާމިޔާބުކޮށްލާފައެވެ.

ޕާކިސްތާން މެދުވެރިއެއްގެ ރޯލު އަދާކޮށްގެން ގާއިމުކުރަން އުޅޭ ސުލްހައިގެ އެއްބަސްވުމަށް އިޝާރާތްކުރައްވައި ޓްރަމްޕް ވިދާޅުވީ، އެމެރިކާއިން ބޭނުންވަނީ އީރާނަށް ދުވަހަކުވެސް ނިއުކްލިއާ ހަތިޔާރު ނުހޯދޭނެ ފަދަ "މާނަހުރި" އަދި ކާމިޔާބު އެއްބަސްވުމެއް ކަމަށެވެ. އަދި އީރާނުގެ ލީޑަރުން އެއްބަސްވުމުގައި ސޮއިކުރުމަށް ގޮވާލައްވަމުން ޓްރަމްޕް ވިދާޅުވީ، އެއްބަސްވުމަކާ ވަރަށް ކައިރިއަށް ދެވުނު ނަމަވެސް އީރާނުން އެމެރިކާއަކީ މޮޔައިން ކަމަށް ހަދައިގެން ކުޅެމުންދާ ކަމަށެވެ. އެހެންކަމުން އިއްޔެ ދިން ފަދަ ވަރުގަދަ ހަމަލާތަކެއް މިއަދުވެސް ދޭނެކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.