މިއަހަރު ރާއްޖެއިން ހައްޖުގެ އަޅުކަން އަދާކުރުމަށް ސައުދީ އަރަބިއްޔާއަށް ދިޔަ ހުރިހާ ހައްޖުވެރިން އެނބުރި ރާއްޖެ އައިސްފިކަމަށް އިސްލާމިކް މިނިސްޓްރީން މިއަދު އިއުލާނުކޮށްފިއެވެ.
އިސްލާމިކް މިނިސްޓަރު މުޙައްމަދު ޝަހީމް އަލީ ސައީދު 'އެކްސް' ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ހުރިހާ ހައްޖުވެރިން އެނބުރި ގައުމަށް އައުމާއެކު، މިއަހަރަކީ ހައްޖުގެ އޮޕަރޭޝަން ވަރަށް ކާމިޔާބު އަހަރެއްގެ ގޮތުގައި ފާހަގަކުރެވިފައިވާ ކަމަށެވެ. އަދި ހުރިހާ ހައްޖުވެރިންގެ ހައްޖު މާތްﷲ ގަބޫލުކުރެއްވުން އެދިވަޑައިގެން މިނިސްޓަރު ވަނީ ދުއާކުރައްވާފައެވެ.
މިއަހަރު ރާއްޖެއިން ޖުމްލަ 1،000 މީހުން ހައްޖުގެ އަޅުކަން އަދާކުރުމަށް ސައުދީ އަރަބިއްޔާއަށް ދަތުރުކޮށްފައިވެއެވެ.
މުޅި ދުނިޔެއަށް ބަލާއިރު މިއަހަރު ހައްޖަށް ދިޔަ މީހުންގެ އަދަދު ވަނީ މިދިޔަ އަހަރާ އަޅާބަލާއިރު އިތުރުވެފައެވެ. ތަފާސްހިސާބުތައް ދައްކާގޮތުން، ސައުދީ އަރަބިއްޔާ ފިޔަވައި އެހެން ގައުމުތަކުން 1.5 މިލިއަނަށްވުރެ ގިނަ މީހުން މިއަހަރު ހައްޖަށް ގޮސްފައިވާއިރު، މިއީ އޭގެ ކުރީ އަހަރާ އަޅާބަލާއިރު ގާތްގަނޑަކަށް 11،000 މީހުންގެ އިތުރުވުމެކެވެ.
ކޮމެންޓު ފޮނުވާ