މިއަހަރު ހައްޖުގެ މަތިވެރި އަޅުކަން ފުރިހަމަކުރުމަށްފަހު އެނބުރި ރާއްޖެ އަންނަ ހައްޖުވެރިންނަށް ހާއްސަކޮށްގެން ހުޅުމާލޭ ހޮސްޕިޓަލުގައި ފްލޫ ކްލިނިކެއް ގާއިމުކޮށްފިއެވެ.
ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މައުލޫމާތު ދޭގޮތުގައި، ހުޅުމާލެ ހޮސްޕިޓަލުގެ މައި ކައުންޓަރާ ދިމާލުގައި ހުންނަ މި ކްލިނިކުން ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހެއްގެ މެންދުރު 14:00 އިން ރޭގަނޑު 22:00 އަށް ހިދުމަތް ލިބޭނެއެވެ. މި ކްލިނިކުން ހިދުމަތް ހޯދުމަށްދާ ހައްޖުވެރިން އަންނަންވާނީ މާސްކު އަޅައިގެން ކަމަށްވެސް އެ އެޖެންސީން ވަނީ އަންގާފައެވެ.
ހައްޖުން އެނބުރި އަންނަތާ 14 ދުވަހުގެ ތެރޭގައި ހުން އައުމާއި، ކެއްސުމާއި، ނޭވާލާން އުނދަގޫވުން ނުވަތަ މޭގައި ރިއްސުން ފަދަ އެއްވެސް އަލާމާތެއް ފެނިއްޖެނަމަ ލަސްނުކޮށް ޑޮކްޓަރަށް ދެއްކުމަށް އެޗްޕީއޭއިން އިލްތިމާސްކުރެއެވެ. މީގެ އިތުރުން ރޯގާގެ އަލާމާތްތައް ހުރިނަމަ މީހުން އެއްވެ އުޅޭ ތަންތަނަށް ނުދިއުމަށާއި، ކުޑަކުދިންނާއި އުމުރުން ދުވަސްވީ މީހުންނާ ބައްދަލުކޮށް ގައިގޯޅިވެ ނޫޅުމަށްވެސް ވަނީ އެދިފައެވެ.
މިއަހަރު ރާއްޖެއިން ހައްޖަށް ދިޔަ މީހުންގެ ތެރެއިން ފުރަތަމަ ގްރޫޕް މިދިޔަ ހުކުރު ދުވަހުގެ ރޭ ރާއްޖެ އައިސްފައިވާއިރު، ދެވަނަ ގްރޫޕް މިއަދު ހަވީރު އައުމަށް ވަނީ ހަމަޖެހިފައެވެ. އަދި ތިންވަނަ ގްރޫޕް މާދަމާ ރޭ 20:00 ގައި ރާއްޖެ އަންނައިރު، އެންމެ ފަހު ގްރޫޕް ރާއްޖެ އައުމަށް ހަމަޖެހިފައިވަނީ މާދަމާ ރޭ ދަންވަރު 12:00 ގައެވެ.
ކޮމެންޓު ފޮނުވާ