ބައިނަލްއަގުވާމީ ހިސާބު މުބާރާތެއްގެ ހުރިހާ އުމުރުފުރައަކުން ރާއްޖެއަށް އެއްވަނަ!

ބައިނަލްއަގުވާމީ ހިސާބު މުބާރާތެއްގެ ހުރިހާ އުމުރުފުރައަކުން ރާއްޖެއަށް އެއްވަނަ!

Author
އަހުމަދު
04 ޖޫން 2026 09:52
0

އިނގިރޭސިވިލާތުގައި ބޭއްވި ބައިނަލްއަގުވާމީ ހިސާބު މުބާރާތެއްގެ ހުރިހާ އުމުރުފުރައަކުން ދިވެހި ދަރިވަރުންތަކެއް އެއްވަނަ ހޯދައި، ރާއްޖެއަށް ތާރީހީ ބޮޑު ކާމިޔާބީއެއް ހޯދައިދީފިއެވެ.

އެޑިއުކޭޝަން މިނިސްޓްރީން މައުލޫމާތު ދިން ގޮތުގައި، ދަރިވަރުން މި ފަހުރުވެރި ވަނަތައް ހާސިލުކުރީ އިނގިރޭސިވިލާތުގެ ރިސާޗު އިންސްޓިޓިއުޓެއް ކަމަށްވާ "މެތްސްތްރޫސްޓޯރީސް.އޯގް" އިން އިންތިޒާމުކޮށްގެން ބޭއްވި "ޔަންގު މެތަމެޓިކަލް ސްޓޯރީ އޯތާސް 2026″ ގައެވެ. މި މުބާރާތުގައި ހިމެނޭ 4-7 އަހަރާއި، 8-11 އަހަރާއި އަދި 12-16 އަހަރުގެ އުމުރުފުރައިންވެސް އެއްވަނަ ހޯދީ ދިވެހި ކުދިންނެވެ. މިއީ މި މުބާރާތުގެ ތާރީހުގައިވެސް އެއް ގައުމަކުން ހުރިހާ އުމުރުފުރައެއްގެ އެއްވަނަ ހޯދި ފުރަތަމަ ފަހަރެވެ.

އޮންލައިންކޮށް އުފެއްދުންތައް ހުށަހަޅަންޖެހޭ މި މުބާރާތުގައި މިއަހަރު ދުނިޔޭގެ 34 ގައުމަކުން ދަރިވަރުން ވާދަކުރިއިރު، ރާއްޖެއިން އެކަނިވެސް 650 އަށްވުރެ ގިނަ ކުދިން ބައިވެރިވިއެވެ. ކްރިއޭޓިވް މެތަމެޓިކަލް ލިޓްރެސީއަށް ކުދިން އަހުލުވެރިކުރުވުމުގެ މަގުސަދުގައި ބާއްވާ މި މުބާރާތަށް ކުދިންގެ އުފެއްދުންތައް ހުށަހެޅީ މިދިޔަ މާޗު މަހުގެ 20 ވަނަ ދުވަހުގެ ކުރިންނެވެ.

މި ކާމިޔާބީގެ ފަހަތުގައިވަނީ ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަން (އެންއައިއީ) އާއި ގައުމީ ޔުނިވާސިޓީ (އެމްއެންޔޫ) ގުޅިގެން ކުރި މުހިންމު މަސައްކަތްތަކެކެވެ. އެގޮތުން، ވާހަކަ ކިޔައިދިނުމުގެ ތެރެއިން އުފެއްދުންތެރި ގޮތެއްގައި ހިސާބު ކިޔަވައިދިނުމަށް ޓީޗަރުން ވަނީ ހާއްސަ ޕްރޮގްރާމްތަކެއްގެ ދަށުން ތަމްރީނުކޮށްފައެވެ. ވާހަކައިގެ ޒަރީއާއިން ހިސާބު ދަސްކޮށްދިނުމަށް ބާރުއެޅުމުގެ ގޮތުން 2019 ވަނަ އަހަރު ފެށި މި ބައިނަލްއަގުވާމީ މުބާރާތުގައި މިހާތަނަށް ދުނިޔޭގެ 40 އަށްވުރެ ގިނަ ގައުމުން 7،000 އަށްވުރެ ގިނަ ކުދިން ވަނީ ވާދަކޮށްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.