ރާއްޖޭގެ ހަ ރައީސެއްގެ އަރިހުގައި މުލީއާގޭގައި ދިގު މުއްދަތަކަށް ހިދުމަތްކުރެއްވި މ. ފަތްކޯނި، އިބްރާހިމް ހަލީމް އުމުރުން 76 އަހަރުގައި މިއަދު އަވަހާރަވެއްޖެ އެވެ.
މަރުހޫމްގެ މައްޗަށް ކުރެވޭ ކަށުނަމާދު އޮންނާނީ މިރޭ 11:00 ގައި އާސަހަރާ މިސްކިތުގަ އެވެ. ހަލީމް އަވަހާރަވުމުގެ ހިތާމައިގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އިތުރުން ކުރީގެ ބައެއް ރައީސުން ވަނީ އާއިލާއަށް ތައުޒިޔާ ފޮނުއްވާފަ އެވެ.
ދައުލަތަށް 50 އަހަރަށްވުރެ ގިނަ ދުވަހު ހިދުމަތްކުރެއްވުމުގެ އަގުވަޒަންކޮށް، 2021 ވަނަ އަހަރު ހަލީމަށް ވަނީ ދިވެހި ދައުލަތަށް ހިދުމަތް ކުރުމުގެ ޝަރަފުވެރި އިނާމު ލިބިވަޑައިގެންފަ އެވެ. އޭނާ ސަރުކާރަށް ހިދުމަތްކުރައްވަން ފެއްޓެވީ 5 ޖުލައި 1971 ގައި، އެޓާނީ ޖެނެރަލް އޮފީހުގެ ޕިޔޯނެއްގެ މަގާމުންނެވެ. އޭގެ ފަހުން ބޮޑުވަޒީރުގެ އޮފީހާއި، ގަވަމަންޓް ހޮސްޕިޓަލް އަދި ރައީސް އޮފީހުގައިވެސް ހިދުމަތްކުރެއްވި އެވެ.
ހަލީމްގެ ހަޔާތުގެ އެންމެ ދިގު އަދި އެންމެ ފާހަގަކޮށްލެވޭ ހިދުމަތެއް ގުޅިފައިވަނީ ރައީސުލްޖުމްހޫރިއްޔާގެ ރަސްމީ ގެކޮޅު، މުލީއާގެއާ އެވެ. 1977 ވަނަ އަހަރު މުލީއާގެއާ ގުޅިވަޑައިގަތުމަށްފަހު، ރިޔާސީ ގަނޑުވަރުގެ ސުޕަވައިޒަރުކަމާއި، ޖެނެރަލް ސާވިސަސް އޮފިސަރުކަމާއި، ހެޑް އަދި ޗީފް ވީއައިޕީ ވެއިޓަރުކަން ފަދަ މުހިންމު މަގާމުތައް ފުރުއްވި އެވެ.
މުލީއާގޭގައި ހޭދަކުރެއްވި ދިގު މުއްދަތުގެ ތެރޭގައި، ރައީސް އިބްރާހިމް ނާސިރުން ފެށިގެން ރައީސް މައުމޫން އަބްދުލްގައްޔޫމް، ރައީސް މުހައްމަދު ނަޝީދު، ރައީސް މުހައްމަދު ވަހީދު ހަސަން މަނިކު، ރައީސް އަބްދުالله ޔާމީން އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ދައުރުގައި އޭނާ ވަނީ ވަރަށް އިހުލާސްތެރިކަމާއެކު މަސައްކަތްކުރައްވާފަ އެވެ.
ކޮމެންޓު ފޮނުވާ