އެމްޑީޕީގެ އާންމު މެންބަރުންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ އަތޮޅުތެރޭގައި ޕާޓީގެ ހަރަކާތްތައް މަޑުޖެހިފައި އޮތުން ކަމަށާއި، ޕާޓީގެ ޗެއާޕާސަން ކަމަށް އިންތިޚާބުވެއްޖެނަމަ އެކަމަށް ހައްލު ގެނެސްދެއްވާނެ ކަމަށް ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހުމަދު ނަސީމް ވިދާޅުވެއްޖެއެވެ.
މީކާއީލް މިހެން ވިދާޅުވީ އޭނާގެ 'އިތުބާރު' ކެމްޕެއިންގައި އަތޮޅުތެރެއަށް ކުރެއްވި ދަތުރުފުޅުތަކަށްފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި ރަށްރަށުގައި ތިބޭ އާންމު ރައްޔިތުންނާ އެންމެ ގާތުން މަސައްކަތްކުރާ ބަޔަކީ އިންތިޚާބީ ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ (ޑަބްލިއުޑީސީ) ތަކުގެ މެންބަރުންނެވެ. އެހެންކަމުން، ޕާޓީގެ އެންމެ އިސް ގުނަވަން ކަމަށްވާ ގައުމީ މަޖިލީހުގައި އެ ބޭފުޅުންނަށް ބަސްބުނެ ވޯޓުލުމުގެ ޖާގަ އޮތުމަކީ ލާޒިމު ކަމެއްކަމަށް ދެކެވަޑައިގަންނަވާ ކަމަށާއި، ޒަމާނާ ގުޅޭ އާ އޮނިގަނޑެއްގެ ތެރެއިން އެ ފުރުސަތު ފަހިކޮށްދެއްވާނެ ކަމަށް މީކާއީލް ވައުދުވެވަޑައިގަތެވެ.
ނަމަވެސް ޖާގައިގެ ދަތިކަން ހުންނާނެތީ، ހުރިހާ ބޭފުޅުންނަށް އެ ފުރުސަތު ނުދެވޭނެކަން ފާހަގަކުރައްވައި އޭނާ ވިދާޅުވީ، ގައުމީ މަޖިލީހުން ޖާގަ ދޭނީ ކޮންމެ އަތޮޅަކުން ކަނޑައެޅޭ ވަކި އަދަދެއްގެ މަންދޫބުންނަށް ކަމަށެވެ.
އަންނަ ޖޫން މަހުގެ 12 ވަނަ ދުވަހު ބާއްވާ އެމްޑީޕީގެ ޗެއާޕާސަން އިންތިޚާބުގައި މީކާއީލްއާ އެންމެ ބޮޑަށް ވާދަކުރައްވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދެވެ. ދެ ކެންޑިޑޭޓުންގެ ފަރާތުންވެސް ކެމްޕެއިންގެ ފޯރި ގަދަވެފައިވާއިރު، ރަށްރަށަށް ވަޑައިގެން ތާއީދު ހޯއްދެވުމުގެ މަސައްކަތް ދަނީ ވަރަށް ވާދަވެރިކޮށް ކުރިއަށެވެ. އަދި ދެ ބޭފުޅުންގެ ދެމެދުގައި ބަހުގެ ހަމަލާތައްވެސް ދަނީ ބަދަލުކުރެވެމުންނެވެ.
ކޮމެންޓު ފޮނުވާ