ޖަލަށް ލާފައިވާ ނޫސްވެރިން މިނިވަންކުރުމަށް ގޮވާލައި ރޭ ބޭއްވި މުޒާހަރާގެ ތެރެއިން ހައްޔަރުކުރި ފަސް މީހުން ފުލުހުން ދޫކޮށްލައިފި އެވެ.
"އަދަދު" ނޫހުގެ ދެ ނޫސްވެރިން ކަމަށްވާ މުހައްމަދު ޝަހުޒާން އާއި ލީވާން އަލީ ނަސީރު ހައްޔަރުކުރުމާ ގުޅިގެން އިދިކޮޅު ފަރާތްތަކުން އަންނަނީ ސިލްސިލާކޮށް މުޒާހަރާތަކެއް ބާއްވަމުންނެވެ. ރޭގެ މުޒާހަރާއިން ހައްޔަރުކުރި މީހުންގެ ތެރޭގައި ޝަހުޒާންގެ އާއިލާގެ ދެ މެމްބަރުން ވެސް ހިމެނޭއިރު، މިއަދާއި މިރޭގެ އެކި ވަގުތުތަކުގައި އެ އެންމެން ވެސް މިހާރު ވަނީ ބަންދުން ދޫކޮށްލާފަ އެވެ.
ރައީސް މުހައްމަދު މުއިއްޒާ ގުޅޭގޮތުން ކްރިމިނަލް ކޯޓުން ނެރެފައިވާ ގެގް އަމުރަކާ ހިލާފުވިކަމަށް ބުނެ 10 ދުވަހަށް ޖަލަށްލި ނޫސްވެރިޔާ ލީވާން މިއަދު ވަނީ ބަންދުގެ މުއްދަތު ހަމަވުމުން މިނިވަންވެފަ އެވެ. އެހެންނަމަވެސް، ރައީސް އޮފީހުގެ ޕްރެސް ކޮންފަރެންސެއްގައި ރައީސްއާ ސުވާލުކުރުމުން ކޯޓުގެ ހުރުމަތް ކެނޑިކަމަށް ކަނޑައަޅައި 15 ދުވަހަށް ޖަލަށްލި ޝަހުޒާން މިނިވަންވާނީ އަދި ފަސް ދުވަސް ފަހުންނެވެ.
ނޫސްވެރިން ހައްޔަރުކުރުމާ ގުޅިގެން ފެށި މި މުޒާހަރާތަކުގައި ބައިވެރިވުމުގެ ސަބަބުން ސޯޝަލް މީޑިއާ އެކްޓިވިސްޓް ޝައްމޫން ޖަލީލް (ލޫކަސް) ވެސް ވަނީ 10 ދުވަހަށް ބަންދުކޮށްފަ އެވެ. އޭނާގެ ބަންދުގެ މުއްދަތު މާދަމާގެ ނިޔަލަށް ހަމަވާނެ އެވެ.
ކޮމެންޓު ފޮނުވާ