އުވާލާފައިވާ އަތޮޅު ކައުންސިލްތަކުގެ އިމާރާތްތަކުގައި ގާއިމުކުރާ ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ގޮފިތަކަށް ސިޔާސީ ބޭފުޅުން އައްޔަނު ނުކުރައްވާނެ ކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ދެއްވައިފިއެވެ.
ޕީއެސްއެމް އިން ގެނެސްދިން "ނޭޝަން ޗެޓް" ޕްރޮގްރާމްގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ، ކޮންމެ އަތޮޅެއްގައި އެލްޖީއޭގެ ގޮފިތައް ގާއިމުކުރި ނަމަވެސް، އެ ތަންތަނަށް އަތޮޅުވެރިން ނުވަތަ ގަވަރުނަރުންގެ ގޮތުގައި ސިޔާސީ ބޭފުޅުން ނުލައްވާނެ ކަމަށެވެ. އަދި އެކަމާ ގުޅުވައިގެން ވާދަވެރިން ފަތުރަމުންދަނީ އެއްވެސް ހަގީގަތެއް ނެތް ވާހަކަތަކެއްކަން ފާހަގަކުރައްވައި، އެއީ އެމަނިކުފާނު ކުރައްވަން ގަސްތުކުރައްވާ ކަމެއް ނޫންކަމަށް ވިދާޅުވިއެވެ.
ރައީސް ވިދާޅުވި ގޮތުގައި ކުރީގެ އަތޮޅު އޮފީސްތަކުގައި ހިންގާ މި ތަންތަން މަސައްކަތްކުރާނީ ހަމައެކަނި އެލްޖީއޭގެ ސެކްޝަންތަކެއްގެ ގޮތުގައެވެ.
އެލްޖީއޭއިން މައުލޫމާތު ދޭގޮތުގައި، މި އޮފީސްތައް މެދުވެރިކޮށް މައިގަނޑު ގޮތެއްގައި ކުރިއަށް ގެންދާނީ ކައުންސިލްތަކާއި އެ ތަންތަނުގެ މުވައްޒަފުންނަށް ބޭނުންވާ ތަމްރީނުތައް ރަށާ ގާތުން ފޯރުކޮށްދިނުމުގެ މަސައްކަތެވެ. އަދި އޭގެ އިތުރުން ކައުންސިލްތަކުގެ މަސައްކަތްތައް ގާތުން މޮނީޓާކޮށް ބެލެހެއްޓުމަކީވެސް މި ގޮފިތަކުގެ މުހިންމު ޒިންމާއެކެވެ.
ކޮމެންޓު ފޮނުވާ